Last Updated: July 14, 13:49
Wednesday, July 15, 2026
ކުޅިވަރު

ސިޓީ ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް

އޭޝިއާގެ ޗެމްޕިއަން، އުރާވާ ރެޑް ޑައިމަންޑްސް އަތުން 3-0 އިން މޮޅުވެ، ޔޫރަޕްގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

އަންނަ ހުކުރު ދުވަހުގެރޭ ކުޅޭ ފައިނަލުގައި ސިޓީން ނުކުންނާނީ ދެކުނު އެމެރިކާގެ ޗެމްޕިއަން، ބްރެޒިލްގެ ފްލުމިނެންސޭއާ ދެކޮޅަށެވެ. ސެމީގެ ފުރަތަމަ މެޗުގައި ފްލުމިނެންސޭ ވަނީ އެފްރިކާގެ ޗެމްޕިއަން، މިސްރުގެ އަލް އަހްލީ ކަޓުވާލާފަ އެވެ.

ސައުދީގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ސިޓީން ޖެހި ފުރަތަމަ ގޯލަކީ ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުތެރޭ އުރާވާ ރެޑްސްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ސިޓީގެ ދެވަނަ ގޯލު މެޗުގެ 52 ވަނަ މިނެޓްގައި މަޓެއޯ ކޮވަސިޗް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ތިންވަނަ ގޯލު އޭގެ 7 މިނެޓްފަހުން ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާ އެވެ.

މިއީ ސިޓީން މި މުބާރާތުގައި ކުޅޭ ފުރަތަމަ ފަހަރު ކަމަށްވާއިރު، އެ ކްލަބަށް މިހާރު ކާމިޔާބު ނުކުރެވޭ ހަމައެކަނި ތަށްޓަކީ ވެސް ކްލަބް ވޯލްޑް ކަޕެވެ.

ރޭގެ މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މި މުބާރާތުގައި ކުޅެލަން ފުރުސަތު ލިބެނީ ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުން ކަމަށާއި މިއީ ކްލަބަށް ކިހާ މުހިއްމު މުބާރާތެއްކަން ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އެގޮތުން މުބާރާތުގެ ފައިނަލުން މޮޅުވެ ކްލަބަށް ނުލިބި އޮތް ހަމައެކަނި ތަށި ކާމިޔާބު ކުރަން މަސައްކަތް ކުރާނެ ކަމަށް ގާޑިއޯލާ ބުންޏެވެ.

ކްލަބް ވޯލްޑް ކަޕް މިހާތަނަށް އިނގިރޭސި ހަތަރު ކްލަބަކުން ވަނީ ކާމިޔާބުކޮށްފަ އެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް އަދި ޗެލްސީ އެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ރެއާލް މެޑްރިޑެވެ. އެ ކްލަބުން ވަނީ މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ.