Last Updated: July 23, 16:49
Thursday, July 23, 2026
މުނިފޫހިފިލުވުން

"އެނިމަލް" ގެ ސީކްއެލް އަކީ "އެނިމަލް ޕާކް"

އިންޑިއާގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ރަންބީރްގެ ކަޕޫރްގެ ފިލްމު "އެނިމަލް" ގެ ސީކްއެލްއެއް ހަދަން ނިންމާފައިވާކަން ކަަށަވަރުކޮށް ދީފި އެވެ.

މި ވާހަކަ އެންމެ ފުރަތަމަ ފެންމަތިވީ މި މަހުގެ 1 ގައި ސިނަމާތަކަށް ދޫކުރި އިރު، ފިލްމުގެ އެންޑް ކްރެޑިޓްގައި "އެނިމަލް ޕާކް" ގެ ވާހަކަ ގެނެސްދީފައި އޮތުމާއި އޭގައި ރަންބީރް ފެންނާނެ ގޮތުގެ ލުކެއްގެ އިޝާރާތެއް ވެސް ދިނުމާ ގުޅިގެންނެވެ. "އެނިމަލް" އުފެއްދި ބުޝަން ކުމާރުގެ ޓީ ސީރީޒުން ސޯޝަލް މީޑިއާގައި އިއްޔެ އާންމުކުރި ޕޯސްޓެއްގައި "އެނިމަލް ޕާކް" އަކީ ފިލްމުގެ ސީކްއެލްކަން ކަށަވަރުކޮށް ދީފައިވެ އެވެ.

ނަމަވެސް އެއާ ބެހޭ މާ ބޮޑު އިތުރު ތަފުސީލެއް ދީފައެއް ނުވެ އެވެ.

ނަމަވެސް މި ހަފުތާގައި ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "އެނިމަލް" ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ދެން ހަދާނީ ވެސް "އެނިމަލް ޕާކް" އެވެ. އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ 2021 ގައި އޭނަ ޕްރަބާސްއާ އެކީ "ސްޕިރިޓް" ކިޔާ ފިލްމެއް އިއުލާންކޮށްފައިވާ އިރު، "ޕުޝްޕާ" ގެ ބަތަލު އައްލޫ އަރުޖުންއާ އެކީ ވެސް ފިލްމެއް ހަދަން ނިންމާފައި އޮތްކަން ދާދި ފަހުން ބުނެފައިވާކަމެވެ.

މި ހުރިހާ ޕްރޮޖެކްޓްތަކަކީ ވެސް ޓީ ސީރީޒާ ގުޅިގެން ހަދަން ހަމަޖެހިފައިވާ އެއްޗިއްސެވެ. އެ ކުންފުންޏަށް ސަންދީޕް ހެދި ފުރަތަމަ ފިލްމަކީ 2019 ގެ "ކަބީރް ސިންގް" އެވެ.

ޓީ ސީރީޒްގެ ވެރިޔާ ބުޝަން އާއި ސަންދީޕް އެކީގައި ފެންނަ ފޮޓޯތަކަކާ އެކީ އިންސްޓަގްރާމް ޕޯސްޓްގައި އިއްޔެ ބުނީ އާ ޕްރޮޖެކްޓްތަކަކީ ދެ ފަރާތުގެ މެދުގައި މިހާރު އޮތް އިތުބާރުގެ ތެރެއިން ގެނެސްދޭން ހަމަޖެހިފައިވާ އެއްޗެހި ކަމަށެވެ.

"އެނިމަލް" ގެ ސީކްއެލް ކަށަވަރުކޮށްދިން އިރު، މި ފިލްމަކީ ބައެއް މީހުންގެ ފާޑުކިޔުންތައް އިންތިހާ އަށް އަމާޒުވި ފިލްމެކެވެ. ސަބަބަކީ ފިލްމުގައި ތަޅާފޮޅުމާއި އަނިޔާވެރިކަމާއި ލޭ އޮހުރުވުމާއި ގެވެށިއަނިޔާ އާއި ޖިންސީ އުފާ ހޯދުން ފަދަ މަންޒަރުތައް ވަރަށް ބޮޑަށް ދައްކުވައި ދީފައިވުމެވެ.

ގިނަ ބަޔަކު ސިފަކޮށްފައިވާ ގޮތުގައި "އެނިމަލް" އަކީ ފިރިހެނުންނަކީ މާ ބާރުގަދަ ނުފޫޒު ގަދަ ބައެއްގެ ގޮތުގައި ދައްކުވައިދޭ އެއްޗެކެވެ. "އެނިމަލް" ގެ މައިގަނޑު ޕްލޮޓް ބިނާވަނީ ބައްޕައަކާއިި ފިރިހެން ދަރިއެއްގެ ބަދަހި ނޫން ގުޅުމެއްގެ މައްޗަށެވެ. މީގެ ކާސްޓްގައި އަނިލް ކަޕޫރް، ރަޝްމިކާ މަންދަނާ، ބޮބީ ޑިއޯލް، ޓްރިޕްތީ ދިމްރީ، ސުރޭޝް އޮބެރޯއީ އަދި ޝަކްތީ ކަޕޫރް ހިމެނެ އެވެ.

ފާޑުކިޔުންތައް އަމާޒުވިޔަސް "އެނިމަލް" ވެފައި ވަނީ އިންޑިއާގެ މި އަހަރުގެ އެންމެ ބޮޑު އެެއް ހިޓަށެވެ. ޖުމްލަ 100 ކްރޯޑް ރުޕޯސް (12 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް މިހާތަނަށް އާމްދަނީގެ ގޮތުގައި 842.48 ކްރޯޑް ރުޕީސް (101.4 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ. އެއީ އިންޑިއާ އާއި ބޭރު މާކެޓްތަކުން ލިބުނު އާމްދަނީއާ އެކީގަ އެވެ.