Last Updated: July 23, 16:49
Thursday, July 23, 2026
މުނިފޫހިފިލުވުން

މިއީ ލޯބީގެ ތަފާތު ރަހަތަކެއް

އާ އަހަރުގެ ހަދިޔާއެއްގެ ގޮތުގައި ޑާކް ރެއިނުން ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައިވާ އެ ސްޓޫޑިއޯގެ "ކްރޮނިކަލްސް" އެންތޮލޮޖީ ދެވަނަ ސީޒަން "ލަވް" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

އަންނަ މަހުގެ 1 ގައި ބައިސްކޯފަށް ދޫކޮށްލާ މި އެންތޮލޮޖީ އަކީ ލޯބީގެ ތަފާތު ރަހަތަކެއް ދައްކުވައި ދޭނެ 8 ސެގްމަންޓްގެ އެއްޗެކެވެ. "ޑާކް ރެއިން ކްރޮނިކަލްސް: ސީޒަން 2-ލަވް" ގެ ސެގްމަންޓްތައް ޑައިރެކްޓްކޮށްފައި ވަނީ ކާމިޔާބު އުފެއްދުންތަކެއް ކުރިން ވެސް ގެނެސްދީފައިވާ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އާއި އަލަށް ޑައިރެކްޝަނަށް ނުކުތް ޝަހުދާ މަހްމޫދެވެ.

މީގެ ކާސްޓުން ޝީލާ ނަޖީބު، ރަވީ ފާރޫގް، މަރިޔަމް މަޖުދާ (މަޖޫ)، ޝަރަފު އަބްދުﷲ، ނުޒުހަތު ޝުއައިބް ނުޒޫ)، މުހައްމަދު ފައިސަލް، އަހުމަދު އީސަ (އާނަންދު)، އަހުމަދު ސައީދު، ރޯނު ހަސަން މަނިކު، އިބްރާހީމް ޝާކިރު ޝާއްކޮ (އައްމަޑޭ)، އަބްދުﷲ ޝާފިއު (ފުބޫ)، އަހުމަދު ޝާރިފް، ފާތުމަތު ޝަރާ، ޝުހާ، މަލީހާ ވަހީދު، މުހައްމަދު ވިޝާލް (ރޯމަން) އަދި އައިޝަތު ޔާދާ ފަދަ ތަރިން ފެންނާނެ އެވެ.

ބައިސްކޯފަށް ޑާކް ރެއިނުން މިދިޔަ "ކްރޮނިކަލްސް" ގެ ފުރަތަމަ ސީޒަން ގެނެސްދިނީ ރިވެންޖް ތުރިލާއެއްގެ ގޮތުގަ އެވެ. އެއީ ހަ ސެގްމަންޓްގެ އެއްޗެކެވެ.

ކާމިޔާބު އެތައް ފިލްމެއް މިހާތަނަށް ގެނެސްދީފައިވާ ޑާކް ރެއިނުން މިހާރު އަންނަނީ އޮލިމްޕަހުގައި އަސަރު ގަދަ ލޯބީގެ ފިލްމު "ނޮބެމްބާ" ދައްކަމުންނެވެ.