މި ސަރުކާރަކީ މަރުގެ އަދަބު ތަންފީޒުކުރަން ނިންމާފައިވާ ސަރުކާރެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ގާނޫނާ ގަވާއިދާ އެއްގޮތަށް އެކަން ކުރާނެ ކަމަށެވެ.
"މިހާރުގެ ސަރުކާރަކީ މަރުގެ އަދަބު ތަންފީޒުކުރަން ހަމަ ނިންމާފައި އޮތް ސަރުކާރެއް،" އިހުސާން ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒުކުރީ 1953 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަރުގެ އަދަބު ތަންފީޒުކުރަން ގަވާއިދެއް ހަދައި، ދަންޖައްސައިގެން ނުވަތަ ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދޭން ނިންމި އެވެ. ނަމަވެސް މިހާތަނަށް ތަންފީޒެއް ނުކުރެ އެވެ.
ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާ ބައެއް މީހުން މިހާރުވެސް ރާއްޖޭގައި އެބަ ތިއްބެވެ.