ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފްގެ ފުރަތަމަ މިސްޓްރީ ތުރިލާ "މެރީ ކްރިސްމަސް" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
އޭނަ ވަރަށް ތަފާތު ރޯލަކުން ފެންނާނެ މި ފިލްމަކީ ތުރިލާތައް ގެނެސްދޭން ކުޅަދާނަ ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ ފިލްމެކެވެ. އޭނަ އަކީ "އަންދާދުން" އާއި "ބަދުލާޕޫރް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.
ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ޓިޕްސް އިން ފިލްމްސް އިން ގެނެސްދޭ "މެރީ ކްރިސްމަސް" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 12 ގަ އެވެ. މި ފިލްމުގައި ކެޓްރީނާއާ އެކީ ބަތަލުގެ ރޯލު ކުޅެފައި ވަނީ މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ އެވެ. އޭނަ އަކީ ސެޕްޓެމްބަރުގައި ރިލީޒްކުރި ޝާހްހްރުކް ޚާންގެ "ޖަވާން" ގެ ވިލަން އެވެ.
ވަރަށް އުންމީދީ ފިލްމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ "މެރީ ކްރިސްމަސް" ގެ ކާސްޓްގައި ސަންޖޭ ކަޕޫރް، ވިނޭ ޕަތަކް، ޕްރަތިމާ ކަޒްމީ، ޓިނޫ އާނަންދު، ރާދިކާ ސަރަތުކުމާރު އަދި ރާދިކާ އަޕްޓޭ ހިމެނެ އެވެ.
ކެޓްރީނާގެ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ރިލީޒްކުރި ސަލްމާން ޚާންގެ "ޓައިގާ 3" އިންނެވެ.