އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު 20،000 އިން މައްޗަށް އަރައިފި އެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ ޝަހީދުވި މީހުންގެ ތެރޭގައި 8،000 ކުޑަކުދިންނާއި 6،200 އަންހެނުން ހިމެނޭ ކަމަށެވެ. އަދި ހަމަލާތަކުގައި އަނިޔާވި މީހުންގެ އަދަދު 52،000 އިން މައްޗަށް އަރާފައިވާއިރު 6،700 މީހުން ގެއްލިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ސިއްހީ މަސައްކަތުގައި އުޅޭ 310 މީހަކާއި 97 ނޫސްވެރިން މަރުވެފައިވާ ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ. އަދި ހުޅަނގު އައްސޭރިން 303 މީހަކު ވަނީ ޝަހީދުކޮށްލާފަ އެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލާއި ހަމާސް ޖަމާއަތުން ކުރަމުންދާ ހަނގުރާމައިގައި އިޒްރޭލުން މިހާތަނަށް ވަނީ 1،200 މީހަކު ވަނީ މަރުވެފަ އެވެ. އަދި އިޒްރޭލުގެ 200 މީހަކު މިވަގުތު ތިބީ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގަ އެވެ.
ހަނގުރާމަ އަވަސް މުސްތަގުބަލެއްގައި ހުއްޓޭނެ ކަމަށް ނުބެލެވޭއިރު ހަމާސް އިން ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައިވާ އިޒްރޭލުގެ އެއްވެސް މީހަކު ދެން ދޫކޮށްލާނީ އިޒްރޭލުން ހަމަލާތައް އެއްކޮށް ހުއްޓާލުމަށް އެއްބަސްވުމުން ކަމަށް ބުނެފަ އެވެ.