އަމިއްލަ ދަނޑުގައި ވެސްޓްހަމް ޔުނައިޓެޑް 5-1 އިން ބަލިކޮށް އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަލަށް ލިވަޕޫލް ދަތުރުކޮށްފި އެވެ.
ސެމީފައިނަލްގައި ލިވަޕޫލް ބައްދަލުކުރާނީ ފުލަމްއާ އެވެ. އަނެއް ސެމީގައި ބައްދަލުކުރާނީ ޗެލްސީ އާއި މިޑްލްސްބަރާ އެވެ. ސެމީފައިނަލްގައި ދެ ލެގު ކުޅޭނެ އެވެ.
ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 28 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑޮމިނިކް ސޮބޯސްލާއީ އެވެ. ސޮބޯސްލާއީ މި ގޯލު ކާމިޔާބު ކުރީ ވެސްޓްހަމްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.
ލިވަޕޫލްގެ ދެވަނަ ގޯލު މެޗުގެ 56 ވަނަ މިނެޓްގައި ކާޓިސް ޖޯންސް ކާމިޔާބުކޮށްދިން އިރު އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯ އެވެ. ލިވަޕޫލްގެ ހަތަރުވަނަ ގޯލު މެޗުގެ 82 ވަނަ މިނެޓްގައި މުހައްމަދު ސަލާހު ކާމިޔާބުކޮށްދިންއިރު އޭގެ ދެ މިނެޓްފަހުން އެޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދިނީ ޖޯންސް އެވެ. ވެސްޓްހަމްގެ ހަމައެކަނި ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ ބޮވެން އެވެ.
ލީގު ކަޕްގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ. ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އޭގެ ދެ ހަފްތާ ފަހުންނެވެ.