އަންނަ މަހު ރިލީޒްކުރަން ތައްޔާރުވަނުން އަންނަ ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ ފިލްމު "ފައިޓާ" އިން މާދަމާ މުޅިން އާ ލަވައެއް ގެނެސްދޭން ނިންމައިފި އެވެ.
އެ ދެ ތަރިންގެ ކެމިސްޓްރީގެ ޖާދޫ ވަރަށް ބޮޑަށް ދައްކުވައި ދޭނެ މި ލަވަ އަކީ "އިޝްގް ޖެއިސާ ކުޗް" އެވެ. ލަވައިގެ ޓީޒާއެއް މިހާރު އާންމުކޮށްފައިވާ އިރު މި "އެގްޒޯޓިކް" ލަވަ އެއްކޮށް މާދަމާ އާންމުންނަށް ދޫކޮށްލާނެ އެވެ. ވިޝާލް-ޝޭކަރު މިއުޒިކަށް ލަވަ ކިޔާފައި ވަނީ ޝިލްޕާ ރާއޯ އާއި މެލޮ ޑީ އެވެ.
ޝިލްޕާ އަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ދީޕިކާ އާއި ޝާހްރުކް ޚާންގެ "ޕަތާން" އިން ބޮޑު ސަމާލު ކަމެއް ހޯދި ލަވަ "ބޭޝަރަމް ރަންގް" ގެ ވެސް އަންހެން އަޑުގެ ވެރިޔާ އެވެ. އެ ލަވައާ އެއްގޮތަށް "އިޝްގް ޖެއިސާ ކުޗް" އަކީ ވެސް ބޭރުގެ ހިތްގައިނު ލޮކޭޝަންތަކެއްގައި ޝޫޓްކޮށްފައިވާ ވަރަށް ސްޓައިލިޝް ލަވައެކެވެ.
އެގޮތުން އިޓަލީގައި ޝޫޓްކޮށްފައިވާ ލަވައިގެ ނެށުންތައް ތައްޔާރުކޮށްފައި ވަނީ ބޮސްކޯ-ސީޒާ އެވެ.
"އިޝްގް ޖެއިސާ ކުޗް" އަކީ "ފައިޓާ" އިން ބެލުންތެރިންނަށް ދޫކޮށްލާ ދެވަނަ ލަވަ އެވެ. މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމުން ފުރަތަމަ އާންމުކުރި ލަވަ އަކީ "ޝޭރު ކުލް ގައޭ" އެވެ.
އަންނަ މަހުގެ 25 ގައި ސިނަމާތަކަށް ދޫކޮށްލާ "ފައިޓާ" އަކީ އޭރިއަލް އެކްޝަން ތުރިލާއެކެވެ. "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ މި ފިލްމުގެ ކާސްޓްގައި އަނިލް ކަޕޫރް، ކަރަން ސިންގް ގްރޯވާ، ސަންޖީދާ ޝެއިހް އަދި އަކްޝޭ އޮބެރޯއީ ހިމެނެ އެވެ.