ރާއްޖޭގައި ޒަމާނީ ފެންވަރަށް އަދި ތިމާވެއްޓާ ރައްޓެހިކޮށް ތަރައްގީކުރަން އަމާޒު ހިފައި މިހާރު ފަށާފައި އޮތް ރަސްމާލެ މަޝްރޫއު ކުރިޔަށް ގެންދަނީ ދިވެހި ދަޢުލަތުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭ ގޮތަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިގޮތަށް ވިދާޅުވި އިރު މި މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމެނި އެވެ. އެކަމަކު ބަޖެޓް ފާސްކުރި އިރު މަޝްރޫއު އުނިކޮށްފަ އެވެ.
ދައުލަތުން އެއްވެސް ހޭދައެއް ކުރަން ނުޖެހޭ ގޮތަށް ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދާ ކަމަށް ރައީސް ރޭ ވިދާޅުވި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
ރޭ ދަރުބާރުގައި ބޭއްވި "ކަންގަތި އެވޯޑް 2023" ދިނުމުގެ ޙަފުލާގައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކީ ރައްިޔިތުންނާއި ދިވެހި ގައުމާ އެއްކޮޅަށް ކަންކަން ނިންމުމުގެ ސިޔާސަތު ކަމަށެވެ. އެގޮތުން ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫއު ވެރިކަމުގެ ފުރަތަމަ 14 ހަފުތާ ތެރޭގައި ފަށްޓަވަން ނިންމެވީ އެ ވިސްނުމުގައި ކަމަށް ވިދާޅުވި އެވެ.
އަދި މިއީ ރައްޔޮިތުންނަށް ބޯހިޔާވަހިކަމުިގެ މައްސަލަ އަށް ހައްލެއް ހޯދަން ފެއްޓެވި މަޝްރޫއެއް ކަމަށާއި އެ މަޝްރޫއު އެގޮތުގައި ކުރިޔަށް ގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މާލެ ކައިރީގައި ތަރައްގީކުރަން ހަމަޖެހިފައިވާ ރަސްމާލެ މަޝްރޫއަށް ބިން ހިއްކަން ފެށީ އަންގާރަ ދުވަހު އެވެ. މި މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެ އެވެ. ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވެ އެވެ.
ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ ރަސްމާލެ ސިޓީ އަކީ ޒީރޯ-ކާބަން ސިޓީއަކަށް ހެދުމަކީ އަމާޒެއް ކަމަށާއި އަދި އެ ތަން ތަރައްގީކުރާނީ "މޯލްޑިވްސް އީކޯ ސިޓީ" ގެ ގޮތުގައި ކަމަށް ވެސް ރައީސް އަންގާރަ ދުވަހު ވިދާޅުވި އެވެ. އެގޮތުން އެ ސިޓީގެ ހުރިހާ ކަމެއް ކުރާނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.
މި މަޝްރޫއުހެ މަސައްކަތް އާބަންކޯގެ ދަށުން ކުރިއަށް ގެންދާ އިރު ބިން ހިއްކުމުގެ ބައި ކުރިއަށް ގެންދަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓަރަކްޝަން ކުންފުނިންޏެވެ އެވެ.