ޝާހްރުކް ޚާންގެ އާ ފިލްމު "ޑަންކީ" މިއަދު ސިނަމާތަކުގައި ދައްކަން ފެށުމާ އެކީ ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ.
މިހާތަނަށް ފިލްމު ބެލި އެކި މީހުން ސޯޝަލް މިޑިއާގައި ފިލްމު ވަރަށް ކަމުދިޔަ ކަމަށް ބުނެފައިވެ އެވެ. އަދި އިންޑިއާގެ ވަރަށް ގިނަ ކްރިޓިކުން ވެސް އަންނަނީ "ޑަންކީ" އަށް ތައުރީފުކުރަމުންނެވެ. މިހާތަނަށް ގެނެސްދީފައިވާ ރިވިއުތަކުގައި ފިލްމަށް ފަހެކުން ހަތަރު ތަރީގެ ރޭޓިންއެއް ދީފައިވެ އެވެ.
"ޑަންކީ" އަކީ ހިޖުރަކުރުމާ ގުޅޭ ގޮތުން ރާޖްކުމާރު ހިރާނީ ޑައިރެކްޓްކޮށްފައިވާ ކޮމެޑީ-ޑްރާމާއެކެވެ. ފިލްމު ބެލި އެކި މީހުން ބުނެފައިވާ ގޮތި ގޮތުގައި މިއީ އަނެއްކާ ވެސް ހިރާނީގެ ވަރަށް މޮޅު މަސައްކަތްތަކެއް ފެނިގެންދާ ފިލްމެކެވެ. އެގޮތުން އާންމު އޯޑިއަންސް ބޭނުންވާ ކަހަލަ ހުރިހާ ރަހައެއް ފިލްމުގައި ހެޔޮވަރު ކަމަށް ބުނެފައިވެ އެވެ.
ހިރާނީ އަކީ "މުންނާބާއީ" އާއި "3 އިޑިއަޓްސް" އަދި "ޕީކޭ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.
ގިނަ ކްރިޓިކުން ބުނެފައިވާ ގޮތުގައި ޝާހްރުކް ވަނީ "ޑަންކީ" ގައި ވަރަށް މޮޅު އެކްޓިންއެއް ދައްކައިފަ އެވެ. އަދި މީގައި އޭނަ ކުޅެފައި ވަނީ ބެލުންތެރިން ވަރަށް ގަޔާވާނެ ކަހަލަ ރޯލެއް ކަމަށާއި މި އަހަރަކީ ޝާހްރުކް ހެޓްޓްރިކް އަހަރެއް ކަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުން "ޕަތާން" އާއި "ޖަވާން" ހާ ކާމިޔާބު ފިލްމަކަށް "ޑަންކީ" ވާނެ ކަމަށް ކްރިޓިކުން ބުނެ އެވެ.
ބައެއް ކްރިޓިކުން ބުނި ގޮތުގައި ފިލްމުގައި ކުރު ސަޕޯޓިން ރޯލެއް ކުޅުނު ވިކީ ކޯޝަލް އަކީ މީގެ އެންމެ ބޮޑު އެއް ހައިލައިޓެވެ. އަދި އޭނަ ކުޅުނު ކެރެކްޓާ އަށް ވަރަށް މޮޅަށް އިންސާފުކޮށް ދީފައިވާ ކަމަށް ބުންޏެވެ.
"ޑަންކީ" ގެ ކާސްޓްގައި ތާޕްސީ ޕައްނޫ، ބޮމަން އިރާނީ، ދިއާ މިރުޒާ، ސަތިޝް ޝާހް އަދި ދަރުމެންދުރާ ވެސް ހިމެނެ އެވެ.