Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ބީއެމްއެލްގެ ސްކޮލަޝިޕް ލިބޭ ދަރިވަރުން ހޮވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޮލަޝިޕް ފަންޑުގެ ދަށުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބޭ ތިން ދަރިވަރުން ހޮވައި, އެ ދަރިވަރުންގެ ނަން ހާމަކޮށްފި އެވެ.

މިއަހަރު ބީއެމްއެލް ސްކޮލަޝިޕް ލިބޭ ދަރިވަރުންނަކީ އާމިނަތު ޢަލްޔާ ޝާވިން، މުޙައްމަދު ސާޖިޢު އިސްމާޢީލް އަދި މުޙައްމަދު އައިކު ޢަލީ އެވެ.

މިއީ ދަރިވަރުން ހޯދާފައިވާ ތައުލީމީ ނަތީޖާއަށް ބަލައި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށް ހުރިހާ ހަރަދެއް ބޭންކުން ހަމަޖައްސައިދޭ ސްކޮލަރޝިޕެކެވެ. މި ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީ އިން ބޭންކިންގެ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމް ހުޅުވާލެވުނީ ތައުލީމީ ގޮތުން މަތީ ނަތީޖާ ހޯދާފައިވާ، ރާއްޖޭގެ ބޭންކިން އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށެވެ. މި ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ބޭންކިން އެންޑް ފައިނޭންސް އިން ފެށިގެން ފައިނޭންޝަލް ޓެކްނޮލޮޖީ، ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިންގ އާއި އެނަލެޓިކްސް ފަދަ ބޭންކިންގއާ ގުޅުންހުރި ދާއިރާތަކުގެ ތެރެއިން ގިނަ ދާއިރާތައް ހިމެނޭހެން ތައުލީމް ހާސިލްކުރުމަށް އެ ދަރިވަރަކު ބޭނުންވާ ދާއިރާއެއް ހިޔާރުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ މިއަހަރުގެ ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަކީ ތައުލީމީ ރޮނގުން ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދާފައިވާ، ލީޑަރޝިޕް ހުނަރުތައް ހުރި، ކުރިމަގުގައި ހެޔޮ ބަދަލު ދައްކުވައިދެވޭނެ ފަދަ ދަރިވަރުން ކަމަށެވެ. މުޖުތަމައުގެ ލާބައަށް ހާއްސަ ސަމާލުކަމެއްދޭ މިފަދަ ޒުވާނުންގެ ތައުލީމީ ހަޔާތް ކުރިއަރުވަން އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ ދިވެހި ގައުމުގެ މުސްތަގްބަލަށްޓަކައި ބޭންކަށް ކުރެވޭ ވަރަށް މުހިންމު އިންވެސްޓެއް ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރު ބީއެމްއެލް ސްކޮލަރޝިޕް ފަންޑު ލިބުނު ތިން ދަރިވަރުން އަންނަނީ ޔޫކޭ އަދި އޮސްޓްރޭލިއާ ގައި މަތީ ތައުލީމު ހާސިލުކުރަމުންނެވެ.