ބޮލީވުޑްގެ ތަރި ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒް ޚާން ދެވަނަ ކައިވެންޏެއް ކުރަން ތައްޔާރުވެފައިވާ ކަމަށާއި ކައިވެނީގެ ހަފުލާ މި މަހުގެ 24 އޮންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އަރުބާޒް، 56، އަކީ މިހާރު އެކްޓަރު އަރުޖުން ކަޕޫރް، 38، އާ ރަައްޓެހިވެގެން އުޅޭ މަލައިކާ އަރޯރާ، 50، ގެ ކުރީގެ ފިރިމީހާ އެވެ. އެ ދެ މީހުންގެ ކައިވެނި 2017 ގައި ރޫޅައިލި އިރު ފިރިހެން ދަރިއަކު ވެސް ލިބިފައިވެ އެވެ. އެއީ މިހާރު 21 އަހަރުގެ އަރުހާން ޚާނެވެ.
އަރުބާޒް ދެވަނަ ކައިވެންޏަށް ތައްޔާރުވެފައި މި ވަނީ ކައިވެނި ރޫޅުނު ހިސާބުން ފެށިގެން ރައްޓެހިވެގެން އުޅުނު އިޓަލީގެ މޮޑެލް/ބަތަލާ ޖިއޯޖިއާ އެންޑްރިއާނީއާ، 33، ރުޅިވި ވާހަކަ މި މަހުގެ ކުރީކޮޅު މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ. އެކަން ޖިއޯޖިއާ ވެސް ކަށަވަރުކޮށް ދީފައިވެ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި އަރުބާޒްގެ އާ ބައިވެރިއަކީ މޭކަޕް އާޓިސްޓް/ހެއާ ސްޓައިލިސްޓް ޝޫރާ ޚާން ކަމަށެވެެ. އެ މީހުންގެ ކައިވެނީގެ ހަފުލާ ބާއްވަން ހަމަޖެހިފައި ވަނީ އަރުބާޒްގެ ކޮއްކޮ އަރްޕިތާ ޚާންގެ ގޭގައި މި މަހުގެ 24 ވަނަ ދުވަހު އެވެ. އެކަމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ އިރު، ހަފުލާގައި ބައިވެރިވާނީ ދެ ފަރާތު އާއިލާގެ މީހުން އެކަނި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި ޝޫރާއާ އަރްބާޒް ރައްޓެހިވީ، އޭނަ ޕްރޮޑިއުސްކޮށް ކުޅެމުން އަންނަ ފިލްމު "ޕަތުނާ ޝުކްލާ" ގެ ސެޓުން އުފެދުނު ގުޅުމުގެ ތެރެއިންނެވެ.
އަރުބާޒަކީ ސަލްމާންގެ ހަތަރު ކޮއްކޮއިންގެ ތެރެއިން އޭނައާ ޖެހުނު މީހާ އެވެ. ތިން ފިރިހެނުންނާއި ދެ އަންހެން ކުދިން ތިބި އާއިލާގެ ހަގު ފިރިހެން ކުއްކަލީ އެކްޓަރު/ޑައިރެކްޓަރު ސުހައިލް ޚާން، 53، އެވެ. އޭނަގެ ކައިވެނި ވެސް މިދިޔަ އަހަރު ރޫޅިފައިވާ އިރު، ސަލްމާން މިހާތަނަށް ކައިވެންޏެއް ނުކުރެ އެވެ.
ސުހައިލަށް ދެ ދަރިން ލިބިފައިވެ އެވެ.