ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލްގެ ފިލްމު "ރާޖޫ ޗާޗާ" އަށް ރިލީޒްކުރިތާ މި މަހަށް 23 އަހަރު ފުރޭތީ އެކަމާ ގުޅުވައި އޭގެ ހަނދާން އާކޮށް ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ނުބައި މައުލޫމާތެއް ހިއްސާކޮށްފި އެވެ.
އެ ޕޯސްޓްގައި ކާޖޮލް ބުނީ 2000 ވަނަ އަހަރު ރިލީޒްކުރި އެ ފިލްމަކީ އަބަދު ވެސް ވަރަށް ހާއްސަ ފިލްމަކަށް ވާނެ ކަމަށެވެ. އެގޮތުން އެންމެ ހާއްސަ އެެއް ކަމަކީ "ރާޖޫ ޗާޗާ" އަކީ 2020 މަރުވެފައިވާ އެކްޓަރު ރިޝީ ކަޕޫރާ އެކީ އޭނަ މަސައްކަތްކުރި ހަމައެކަނި ފިލްމު ކަމަށް ބުންޏެވެ.
ނަމަވެސް ކާޖޮލްގެ އެ މައުލޫމާތު ސައްހަ ނޫން ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ޕޯސްޓަށް ކޮމެންޓްކޮށް، ރިޝީއާ އެކީ އޭނަ މަސައްކަތްކުރި އެހެން ފިލްމުތަކެއްގެ ވާހަކަ ހިއްސާކޮށްފައިވެ އެވެ. އާމިރު ޚާނާއި ކާޖޮލް ކުޅުނު 2003 ގެ "ފަނާ" އާއި ސުނިލް ޝެޓީއާ އެކީ ކާޖޮލް ކުޅުނު 2001 "ކުޗް ކައްޓީ ކުޗް މީޓީ" ގެ ކާސްޓްގައި ވެސް ރިޝީ ހިމެނެ އެވެ.
ކޮމެންޓްތަކުގައި ބައެއް މީހުން ވަނީ އެ ދެ ފިލްމުގެ މަތިން ކާޖޮލް ހަނދާން ނެތުނީ ކަމަށް ވެދާނެ ކަމަށް ބުނެފަ އެވެ.
"ރާޖޫ ޗާޗާ" ގައި ކާޖޮލްއާ އެކީ ބަތަލުގެ ރޯލު ކުޅުނީ ފިރިމީހާ އަޖޭ ދޭވްގަނެވެ. އަދި މި ފިލްމަކީ އަޖޭ އާއި އޭނަގެ ބައްޕަ ވީރޫ ދޭވްގަން ޕްރޮޑިއުސްކުރި އެކްޝަން ކޮމެޑީ ފިލްމެކެވެ. ޑިސެމްބަރު 28، 2000 ގައި ރިލީޒްކުރި ފިލްމު ޑައިރެކްޓްކުރީ އަޖޭގެ ދެބޭންގެ ދެދަރި ބޭބެ އަދި 2020 ގައި މަރުވެފައިވާ އަނިލް ދޭވްގަނެވެ.