Last Updated: July 14, 13:49
Wednesday, July 15, 2026
ކުޅިވަރު

ފަހު ވަގުތު މޮޅުވެ ރެއާލް 1 އަށް

ފަހު ވަގުތު އަލަވޭސް 1-0 އިން ބަލިކުރުމަށް ފަހު ސްޕެނިޝް ލީގުގެ އެއްވަނަ އަށް ރެއާލް މެޑްރިޑް އަރައިފި އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ރެއާލް އޮތީ 18 މެޗުން ލިބުނު 45 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި ހަމަ އެ އަދަދަށް ޕޮއިންޓު ހޯދައިގެން ޖިރޯނާ އޮތްއިރު ރެއާލަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި 38 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ.

އަލަވޭސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 54 ވަނަ މިނެޓުން ފެށިގެން ރެއާލުން ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ. އެއީ އަލަވޭސްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ރެއާލްގެ ޑިފެންޑަރު ނާޗޯ ފެނާންޑޭޒަށް ދެއްކި ރަތްކާޑާ ގުޅިގެންނެވެ.

މި މެޗުން ރެއާލް މޮޅުވި ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ލޫކަސް ވަޒްކުއޭޒް އެވެ. ވަޒްކުއޭޒް މި ގޯލު ކާމިޔާބު ކުރީ ޓޯނީ ކްރޫސް ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.

އާ އަހަރަށް ސްޕެނިޝް ލީގުގެ ކުޅުން މެދުކަނޑާލާފައިވާ އިރު ލީގުގެ ކުޅުން ދެން އަލުން ފަށާނީ އަންނަ މަހުގެ 2 ގަ އެވެ.