ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރަން އިންސާނީ ހައްގުތަކަށް ވަކާލަތުކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާ، ހިއުމަން ރައިޓްސް ވޮޗުން ސަރުކާރަށް ގޮވާލައިފި އެވެ.
އެ ޖަމާއަތުން ބުނީ ރާއްޖޭގެ މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމުމުން ރާއްޖެ އާއި ރާއްޖެއިން ބޭރުން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. އަދި އެންމެ ކަންބޮޑުވުމަކީ ސަރުކާރުން މަރުގެ ތަންފީޒުކުރަން ނިންމިކަން އިއުލާންކުރި އިރު، ރާއްޖޭގެ ޝަރުއީ ކޮރަޕްޓުވުމާއި ސިޔާސީވުމާއި މީގެ ކުރިން ހިންގާފައިވާ ކުށްތަކަށް އިންސާފު ނުލިބުން ފަދަ ކަންކަން ހުރުން ކަމަށެވެ.
އެހެންވެ ރާއްގައި މަރުގެ ހުކުމް ތަންފީޒު ކުރަން ސަރުކާރުން ނިންމި ނިންމުން އަނބުރާ ގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވައިލާ ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުންޏެވެ.
"އެ ނިންމުން ވަގުތުން ވަގުތަށް އަނބުރާ ގެންދަން ރައީސް މުހައްމަދު މުއިއްޒުއަށް ގޮވާލަން. އަދި ދުނިޔޭގެ އެހެން ޝަރުއީ ނިޒާމުތަކެކޭ އެއް ގޮތަށް ރާއްޖޭގެ ޝަރުއީ ނިޒާމުން ވެސް މި އަނިޔާވެރި އަދަބާ ދެކޮޅަށް ތެދުވަން ޖެހޭ." ހިއުމަން ރައިޓްސް ވޮޗްގެ އޭޝިއާ ސަރަހައްދުގެ އެސޯސިއޭޓް ޑިރެކްޓާ ޕެޓްރީޝިއާ ގޮސްމަން ވިދާޅުވި އެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާނެކަން ސަރުކާރުން އިއުލާންކުރީ މިދިޔަ ބުދަ ދުވަހު ހޯމްލޭންޑް މިނިސްޓްރީން ބޭއްވި ނޫސް ކޮންފަރެންސެއްގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒުކުރީ 1953 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަރުގެ އަދަބު ތަންފީޒުކުރަން ގަވާއިދެއް ހަދައި، ދަންޖައްސައިގެން ނުވަތަ ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދޭން ނިންމި އެވެ. ނަމަވެސް މިހާތަނަށް ތަންފީޒެއް ނުކުރެ އެވެ.
ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާ ބައެއް މީހުން މިހާރު ވެސް ރާއްޖޭގައި އެބަ ތިއްބެވެ.
މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރަން ނިންމުމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެކަމަށް ފާޑު ވިދާޅުވެފައިވެ އެވެ. އެ މަނިކުފާނު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑިއެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަމާ ގުޅިގެން މައުމޫނަށް ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ.
މަރަށް މަރު ހިފުން ނުވަތަ ގިސާސް އަކީ އިސްމާލީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހުކުމެކެވެ.