ދެން އެންމެ އަވަހަށް މަސައްކަތް ފަށަން އޮތީ އުމުރާ ވަރަށް ގުޅޭ ކަހަލަ ކެރެކްޓާއެއް ކުޅޭނެ ފިލްމެއް ކަމަށް ޝާހްރުކް ޚާން ބުނެފި އެވެ.
އޭނަގެ ދެ އޮތް ފިލްމަކީ ކޮބައިތޯ އެކްސްގެ "އާސްކް އެސްއާރްކޭ" ސެޝަނެއްގައި ފޭނަކު ސުވާލުކުރުމުން 58 އަހަރުގެ އެކްޓަރު ބުނީ އާ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ މާޗް ނުވަތަ އެޕްރީލްގައި ފަށާނެ ކަމަށެވެ. އަދި އެ ފިލްމަކީ އުމުރާ ވަރަށް ގުޅޭ ރޯލެއް ކުޅޭނެ ފިލްމެއް ކަމަށާއި ބެލުންތެރިންނަށް ރޯލު ވަރަށް ކަމުދާނެކަމުގެ ޔަގީންކަން ވެސް އޮތް ކަމަށް ބުންޏެވެ.
އެކަމަކު އެ ފިލްމުގެ ނަމާއި އެއާ ބެހޭ އިތުރު ތަފުސީލެއް ޝާހްރުކް ނުދެ އެވެ.
ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމަކީ ދަރިފުޅު ސުހާނާ ޚާނާ އެކީ "ދަ ކިންގް" ގެ ނަމުގައި ކުޅެން ހަމަޖެހިފައިވާ އެކްޝަން ތުރިލާއެކެވެ. މީގެ ޑައިރެކްޓަރަކީ މި އަހަރު ކަރީނާ ކަޕޫރްގެ "ޖާނޭ ޖާ" ގެނެސްދިން ސުޖޯއި ގޯޝް އެވެ. "ދަ ކިންގް" އަކީ މި އަހަރު ރިލީޒްކުރި ޝާހްރުކްގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ މާފްލިކްސް ޕިކްޗާސް އާއި ޝާހްރުކްގެ ރެޑް ޗިލީސް ގުޅިގެން ހަދަން ނިންމާފައިވާ ފިލްމެއް ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެ އެވެ.
ޝާހްރުކްގެ އެންމެ ފަހުގެ ފިލްމަކީ އިއްޔެ ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ "ޑަންކީ" އެވެ. އޭނަގެ މި އަހަރުގެ ދެވަނަ ފިލްމަކީ ސެޕްޓެމްބަރުގައި ގެނެސްދިން "ޖަވާން" އެވެ.
ޝާހްރުކްގެ ހަމައެކަނި އަންހެން ދަރިފުޅު، ސުހާނާ، 22، ފުރަތަމަ ފިލްމަކީ މި މަހުގެ 7 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި "ދި އާޗީސް" އެވެ.