ހުތުބާކިޔާ މީހާ ފެންނާނެހެން އިސްލާމީ މަރުކަޒުގެ ހުރިހާ ފަންގިފިލާއެއްގައި ޓީވީ ހަރުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ އިސްލާމީ މަރުކަޒުގެ ހުރިހާ ފަންގިފިލާތަކަށް އިމާމު ނުވަތަ ޚުޠުބާ ކިޔާ މީހާ ފެންނަ ގޮތައް ހުރިހާ ފަންގިލާއެއްގައި 98 އިންޗި ބޮޑު ސްމާޓް ޓީވީ ސްކްރީން ހަރުކުރާ ގޮތައް ހަމަޖެހިފައިވާ ކަމަށެވެ. އެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ޝަހީމު ވިދާޅުވި އެވެ.
ހުތުބާ ކިޔާ މީހާ ފެންނަން ހުރުމަކީ ޝައުގުވެރިކަން ބޮޑުވާނެ ކަމެއް ކަމަށާއި ހުތުބާ އަޑު އަހަން އިތުރު ސަމާލުކަމެއް ވެސް ދޭނެ ކަމެއް ކަމަށް ޝަހީމު ވިދާޅުވި އެވެ. އަދި ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް އިޝާރާތުގެ ބަހުން ހުތުބާ ކިޔައިދޭތަން ވެސް ޓީވީތަކުން ފެންނާނެ ކަމަށް ވިދާޅުވި އެވެ.
އިސްލާމީ މަރުކަޒުގެ ހުރިހާ ފަންގިލާއެއްގައި ހަރުކުރުމަށް ހަމަޖެހިފައިވާ ޓީވީތަކަކީ އަމިއްލަ ފަރާތަކުން ދިން އެހީއެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.