Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

އެމެރިކާ ރުހޭ ގޮތަށް ގަރާރު ބަދަލުކޮށް، ފާސްކޮށްފި

އެމެރިކާ ރުހޭ ގޮތަށް ގެނައި ބަދަލުތަކާއެކު ފަލަސްތީނުގެ ގާޒާއާ ގުޅޭގޮތުން އދ. ގެ ސަލާމަތީ ކައުންސިލަށް ހުށަހެޅުނު ގަރާރު ފާސްކޮށްފި އެވެ.

ސަލާމަތީ ކައުންސިލަށް ގަރާރު ފުރަތަމަ ހުށަހެޅިއިރު އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓާލަން ގޮވާލުމުގެ ބައި ވަނީ ހިމަނާފަ އެވެ. ނަމަވެސް ގަރާރުގައި އެބައި ހިމަނައިގެން ވޯޓަށް އަހަން އެމެރިކާ އިން އެއްބަސްނުވުމުންނާއި އެމެރިކާ އިން ގަރާރު ވީޓޯކޮށްފާނެ ކަމުގެ ބިރު އޮތުމުން ފަހުން ވަނީ ގަރާރުން އެބައި އުނިކޮށްފަ އެވެ.

މި ގަރާރަށް ވޯޓަށް އެހުމުގެ ކުރިން ހަނގުރާމަ ހުއްޓާލަން ގޮވާލުމުގެ ބައި ގަރާރުގައި ހިމަނަން ރަޝިއާ އިން އިސްލާހުތަކެއް ހުށަހެޅި ނަމަވެސް އެމެރިކާ އިން ވަނީ އެ އިސްލާހުތައް ވީޓޯކޮށްފަ އެވެ. ގަރާރަށް ވޯޓަށް އެހި ޖަލްސާއަށް އެމެރިކާ އަދި ރަޝިޔާ ހާޒިރުވެފައެއް ނުވެ އެވެ. ގަރާރު ފާސްވީ ދެން ތިބި ހުރިހާ މެމްބަރު ގައުމަކުން ވޯޓްލައިގެންނެވެ.

މި ގަރާރުގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ އެއްވެސް ހުރަހެއް ނެތި ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އިންސާނީ އެހީ ވަގުތުން ފޯރުކޮށްދިނުމަށާއި، އިންސާނީ އެހީއަށް ބޭނުންވާ ތެޔޮ ގާޒާ އަށް އެތެރެކުރަން ހުއްދަ ދިނުމަށާއި، އިންސާނީ އެހީގެ މަސައްކަތަށް އދ. ގެ ފަރާތުން މަންދޫބަކު ކަނޑައެޅުމަށާއި ޝަރުތަކާ ނުލާ ރަހީނުން މިނިވަން ކުރުމަށެވެ.

ހަނގުރާމަ ހުއްޓާލަން ގޮވާލާ އދ. ގެ ސަލާމަތީ ކައުންސިލަށް މީގެކުރިން ހުށަހެޅި ގަރާރެއް އެމެރިކާ އިން ވަނީ ވީޓޯކޮށްފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ ހަނގުރާމަ އިއުލާންކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 20،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.