Last Updated: July 23, 14:58
Thursday, July 23, 2026
މުނިފޫހިފިލުވުން

މި ވެސް "ބޭޝަރަމް ރަންގު" ސްޓައިލްގެ ލަވައެއް

ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ ޗާލު ކެމިސްޓްރީ ފެނިގެންދާ ލަވަ "އިޝްގް ޖެއިސާ ކުޗް" ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

މި ލަވަ އަކީ އަންނަ މަހު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ފިލްމު "ފައިޓާ" ގެ ލަވައެކެވެ. އިޓަލީގެ ހިތްގައިމު ލޮކޭޝަންތަކެއްގައި ޝޫޓްކޮށްފައިވާ "އިޝްގް ޖެއިސާ ކުޗް އަކީ" ޕެޕީ މިއުޒިކަށް ރިތިކާއި ދީޕިކާގެ ނެށުންތައް ފެނިގެންދާ ވަރަށް ހިތްގައިމު ލަވައެކެވެ. މި ލަވައިން އާކޮށް ދެނީ ޖެނުއަރީގައި ރިލީޒްކުރި ޝާހްރުކް ޚާނާއި ދީޕިކާގެ ފިލްމު "ޕަތާން" އިން މަޝްހޫރުވި ލަވަ "ބޭޝަރަމް ރަންގް" އެވެ.

ދެ ލަވަ ގެނެސް ދީފައި އޮތީ ދާދި އެއްކަހަލަ ސްޓައިލަކަށެވެ. އަދި ދެ ލަވައިގައި އެއްގޮތްވާ ކަންތައްތަކެއް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި "ބޭޝަރަމް ރަންގް" އާއި "އިޝްގް ޖެއިސާ ކުޗް" ގެ ވެސް މިއުޒިކް ވިޝާލް-ޝޭކަރް ހަދާފައިވުމާއި ލަވައިގެ އަންހެން އަޑުވެރިއަކަށް ޝިލްޕާ ރާއޯވުމާއި ލަވައިގައި ޝޭކަރުގެ އަޑު ވެސް ހިމެނުމުގެ އިތުރަށް ދެ ލަވައިގެ ޅެން ވެސް ކުމާރު ހަދާފައިވުން ހިމެނެ އެވެ.

މީގެ އިތުރުން "ޕަތާން" އާއި "ފައިޓާ" އަކީ ވެސް ސިދާތު އާނަންދުގެ ޑައިރެކްޝަނެވެ.

އޭރިއަލް އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ފައިޓާ" ސިނަމާތަކަށް ދޫކޮށްލާނީ އަންނަ މަހުގެ 25 ގަ އެވެ. މި ފިލްމަކީ ރިތިކާއި ދީޕިކާ އެކީގައި ކުޅުނު ފުރަތަމަ ފިލްމަށްވާތީ، ބެލުންތެރިން މި ފިލްމަށް އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ސަބަބަކީ ވެސް އެއީ އެވެ.

"ފައިޓާ" ގެ ކާސްޓްގައި އަނިލް ކަޕޫރް، ސަންޖީދާ ޝެއިހް، ކަރަން ސިންގް ގްރޯވާ އަދި އަކްޝޭ އޮބެރޯއީ ހިމެނެ އެވެ.