ފިލްމު ކުޅެން ފެށުމުގެ ކުރިން އިންޑިއާގައި މޮޑެލްކުރި ދުވަސްވަރު ރޯލް މޮޑެލްއެއްގެ ގޮތުގައި ބެލި އެންމެ ހާއްސަ އެކަކީ މަލައިކާ އަރޯރާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ބުނެފި އެވެ.
އޭނަގެ އާ ފިލްމު "މެރީ ކްރިސްމަސް" ގެ ޕްރޮމޯޝަންގެ ތެރެއިން މެޝަބަލް އިންޑިއާ އަށް ދިން އިންޓައުއެއްގައި 40 އަހަރުގެ ބަތަލާ ބުނީ އެންމެ ޒުވާން ދުވަސްވަރު މޮޑެލްކުރަން ފެށި އިރު، މަލައިކާ އަކީ އަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ސުޕަ މޮޑެލް ކަމަށެވެ. މިހާރު ވެސް މޮޑެލިން ދާއިރާގައި ހަރަކާތްތެރިވާ މަލައިކާ، 50، އަކީ މިހާރު ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރްގެ ލޯބިވެރިޔާ އެވެ.
"މޮޑެލްކުރި ޒަމާނުގައި ވަރަށް ބޮޑަށް ނަމޫނާއަކަށް ބެލި ހާއްސަ އެކަކީ މަލައިކާ،" އެކްޓަރު ވިކީ ކޯޝަލްގެ އަންހެނުން ބުންޏެވެ. "އޭނަގެ އިތުރުން މަދޫ ސަޕްރޭ އާއި ލަކްޝްމީ މެނަން އަކީ ވެސް އަހަރެން ވަރަށް ބޮޑަށް ފޮލޯކުރި މޮޑެލުންތަކެއް. މޮޑެލްކުރަން ފެށި އިރު ޓާގެޓަކަށްފައި އޮތީ ސުޕަ މޮޑެލްއަކަށްވުން."
ނަމަވެސް މޮޑެލްއަކަށް ވުރެ ބޮޑަށް އާންމުންގެ ތެރޭގައި ކެޓްރީނާ މަޝްހޫރުވެގެން ދިޔައީ ބަތަލާއެެއްގެ ގޮތުގަ އެވެ. އޭނަގެ ފުރަތަމަ ފިލްމަކީ 2003 ގެ "ބޫމް" އެވެ. ނަމަވެސް އާންމުންގެ ސަމާލުކަން ކެޓްރީނާ އަށް ލިބުނީ މަލައިކާގެ ކުރީގެ ފިރިމީހާ އަރުބާޒް ޚާންގެ ބޭބެ، ސަލްމާން ޚާނާ އެކީ ކުޅުނު 2005 ގެ "މޭނޭ ޕިޔާރު ކިޔު ކިޔާ؟" އިންނެވެ. އެ ފިލްމަކަށް ވަރަށް ދުވަސްތަކެއް ވަންދެން ސަލްމާނާ ރައްޓެހިވެގެން އުޅުނެވެ.
ގިނަ ބަޔަކު ބުނާ ގޮތުގައި ކެޓްރީނާ އަށް ބޮލީވުޑުން ބޮޑު ކުރިއެރުމެއް ލިބުމުގެ އަސްލަކީ ސަލްމާނެވެ. ސަބަބަކީ ސަލްމާންގެ ނުފޫޒު ކެޓްރީނާ އަށް ގިނަ ފުރުސަތުތަކެއް ފަހިވުމެވެ. ދެ ތަރިން އެކީގައި ވެސް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ޓައިގާ 3" އެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކެޓްރީނާ އަކީ އަދިވެސް މޮޅަށް އެކްޓްކުރަން އެނގޭ ބަތަލާއެއް ނޫނެވެ. އެކަމަކު އޭނަ ރީތި ބަތަލާއެއްގެ އިތުރުން ނެށުމަށް މޮޅު ތަރިއެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަނެ އެވެ.
ކެޓްރީނާގެ "މެރީ ކްރިސްމަސް" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 12 ގަ އެވެ.