އިސްލާމީ ޓީވީ ޗެނެލަކަށް ކިޔާނެ ނަމެއް ހޯދަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާންމުންގެ ހިޔާލަށް ހުޅުވާލައްވައިފި އެވެ.
އެ މަނިކުފާނުގެ ފޭސްބުކް ޕޯސްޓެއްގައި އެ ވާހަކަ ހިއްސާކުރައްވައި ވިދާޅުވީ ޗެނަލަށް ކިޔާނެ ނަމެއް ހުށަހަޅައި ދޭން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ބައެއް ނަންތައް ހިއްސާކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ހުދާ، ނޫރު، މުދައްރިސް، ނޫރު ޓީވީ، ރައްޔާން، ބަޔާން، ހިދާޔަތު، ޑިސްކަވާ އިސްލާމް އަދި ދަ މެސޖް ހިމެނެ އެވެ.
މިނިސްޓަރުގެ ޕޯސްޓްތަކަށް އެކި މީހުން އަންނަނީ ހިޔާލު ހުށަހަޅަމުންނެވެ.
ނަމަވެސް އިސްލާމީ ޓީވީ ޗެނެލާ ބެހޭ މާ ބޮޑު ތަފުސީލެއް އިސްލާމިކް މިނިސްޓަރު ނުދެއްވަ އެވެ.
އާ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަމާ ޝަހީމް ހަވާލުވެވަޑައިގަތް ދީނާ ގުޅޭ ކަންކަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރައްވަމުންނެވެ.
ރާއްޖޭގައި މިހާރު ހިންގަމުން އަންނަ ދީނީ ޓީވީ ޗެނަލްތަކަކީ ދާރިސް ޓީވީ އާއި އަލް ކައުނެވެ.