އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓްހަމް ޔުނައިޓެޑް އަތުން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.
މި މޮޅާއެކު ކުޅުނު 18 މެޗުން ލިބުނު 30 ޕޮއިންޓާ އެކު ވެސްޓްހަމް އޮތީ 7 ވަނައިގަ އެވެ. ޔުނައިޓެޑް އޮތީ 28 ޕޮއިންޓާ އެކު ލީގުގެ 8 ވަނައިގަ އެވެ. މިއީ ލީގުގައި ޔުނައިޓެޑް ބަލިވި 8 ވަނަ މެޗެވެ.
ވެސްޓްހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޔުނައިޓެޑްގެ އަލްހެންޑްރޯ ގަނާޗޯ އެވެ. ވެސްޓްހަމްގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ގަނާޗޯ ފޮނުވާލި ހަމަލާ ދިފާއުކުރީ ވެސްޓްހަމްގެ ކީޕަރު އަރެއޯލާ އެވެ.
މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ވެސްޓްހަމަށް މެޗުގެ 72 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖެރަޑް ބޮވެން އެވެ. ބޮވެން މި ގޯލު ކާމިޔާބު ކުރީ ވެސްޓްހަމްގެ ލޫކަސް ޕަކޭޓާ ތަނަވަސްކޮށްދިން ހިތްގައިމު ފުރުސަތަކުން ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ. މި މެޗުން ވެސްޓްހަމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު އޭގެ ހަ މިނެޓްފަހުން ކާމިޔާބުކޮށްދިނީ މުހައްމަދު ކުޑުސް އެވެ.
ޔުނައިޓެޑުން ލީގުގައި އެންމެފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އޭގެތެރެއިން ތިން މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ.
ލީގުގައި ޔުނައިޓެޑުން ދެން ބައްދަލުކުރާނީ ދެވަނައިގައި އޮތް އެސްޓަންވިލާއާ އެވެ. ވެސްޓްހަމް ނިކުންނާނީ އެއްވަނައިގައި އޮތް އާސެނަލްއާ ދެކޮޅަށެވެ.