Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ގާޒާ އިން 24 ގަޑިއިރު ތެރޭގައި 200 މަރު

ފާއިތުވި 24 ގަޑިއިރު ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާ އިން 200 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ 24 ގަޑިއިރު ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާ އިން 201 މީހަކު ޝަހީދުވެފައިވާ ކަމަށެވެ. މި ހަމަލާތަކުގައި 368 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އިޒްރޭލުން މިދިޔަ ހުކުރު ދުވަހު ގާޒާ އަށް ދިން ހަމަލާތަކުގައި އާންމުން ދިރިއުޅެމުންދިޔަ ދެ ގެއެއް ވަނީ ބިމާ ހަމަކޮށްލާފަ އެވެ. އެ ހަމަލާތަކުގައި އެއް އާއިލާއަކަށް ނިސްބަތްވާ 76 މީހަކު ވަނީ ޝަހީދުވެފަ އެވެ. ޝަހީދުވި މީހުންގެ ތެރޭގައި އދ. ގެ މުވައްޒަފަކާއި އޭނާގެ އަންހެނުންނާއި އެމީހުންގެ ފަސް ކުދިން ވެސް ހިމެނެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ ހަނގުރާމަ އިއުލާންކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 20،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާ ކަމަށް މި ހަފްތާގައި އދ. އިން ނެރުނު ރިޕޯޓެއްގައިވެ އެވެ.