އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލްއާ 1-1 އިން އެއްވަރުކޮށް އާސެނަލުން ލީގު އެއްވަނައިގައި މަގާމު ދަމަހައްޓައިފި އެވެ.
އާސެނަލް އެއްވަނައިގައި އޮތީ ކުޅުނު 18 މެޗުން ލިބުނު 40 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ލިވަޕޫލް އަދި ތިންވަނައިގައި އޮތް އެސްޓަންވިލާ އަށް 39 ޕޮއިންޓު ލިބިފައިވާއިރު ލިވަޕޫލަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ހަތަރުވަނައިގައި 36 ޕޮއިންޓާ އެކު އޮތީ ޓޮޓެންހަމް އެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނެޓްގައި އާސެނަލްގެ ޑިފެންޑަރު ގެބްރިއަލް ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. ގެބްރިއަލް މި ގޯލު ކާމިޔާބު ކުރީ މާޓިން އޮޑެގާޑް ލިވަޕޫލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ހުރަހެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. ނަމަވެސް މެޗުގެ 29 ވަނަ މިނެޓްގައި މުހައްމަދު ސަލާހު ވަނީ ހިތްގައިމު ގޯލެއް ކާމިބުކޮށްދީ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ނަގަން އާސެނަލްގެ ގެބްރިއަލް މާޓިނެއްލީ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ލިވަޕޫލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ. ދެވަނަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑަ އާނޯލްޑަށެވެ. އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ އާނޯލްޑް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދަނޑި އަށެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލީގުގެ 18 ވަނައިގައި އޮތް ލޫޓަން ޓައުން އިން ވަނީ 1-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފަ އެވެ. އަދި ލީގުގެ 19 ވަނައިގައި އޮތް ބާންލީ އިން 2-0 އިން ފުލަމް ބަލިކުރިއިރު އަމިއްލަ ދަނޑުގައި ޓޮޓެންހަމުން ވަނީ 2-1 އިން އެވަޓަންގެ މައްޗަށް ކުރި ހޯދާފަ އެވެ. އަދި ޑޮމިނިކް ސޮލާންކޭގެ ހެޓްރިކުން ބޯންމަތް އިން ވަނީ 3-2 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފަ އެވެ.