Last Updated: July 23, 14:58
Thursday, July 23, 2026
މުނިފޫހިފިލުވުން

ޝާހްރުކް ހެޓް-ރިކް ހެދި އަހަރެއް!

މި އަހަރަކީ ބޮލީވުޑްގެ ތަރި ޝާހްރުކް ޚާނަށް ވަރަށް ކާމިޔާބު އަހަރެކެވެ. މި ފަހުން އޭނަ ކުޅުނު ގިނަ ފިލްމުތަކެއްގެ ވިޔަފާރި ވަރަށް ދަށްކޮށް ދިއުމުން ޝާހްރުކްގެ ޒަމާން ހިނގައްޖެ ކަމަށް ބުނި މީހުންނަށް މި އަހަރަކީ އޭނަ ވަރުގަދަ ރައްދެއް ދިން އަހަރެކެވެ. އެއީ ވަރުގަދަ ތިން ބްލޮކްބަސްޓާއާ އެކީގަ އެވެ.

އަހަރު ނިމެމުން އަންނަ އިރު ޝާހްރުކް "ޑަންކީ" މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކޮށް، މިހާރު އަންނަނީ ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ. މި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ހެދި ފިލްމެކެވެ. އިއްޔެއާ ހަމައަށް "ޑަންކީ" އަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 103.34 ކްރޯޑް ރުޕީސް (12.4 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ.

މާކެޓިން އަށް ހޭދަކުރި އަދަދާ އެކީ މި ފިލްމަކީ 120 ކްރޯޑް ރުޕީސް (14.4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ގެނެސްދިން ފިލްމެކެވެ. "ޑަންކީ" އަށް ލިބެމުން އަންނަ ތަރުހީބަށް ބަލާ އިރު މި ފިލްމު 500 ކްރޯޑް ރުޕީސް ނުވަތަ އެ އަދަދާ ގާތްކުރާ ވަރުގެ އާމްދަނީއެއް ބޮކްސް އޮފީހުގައި ހޯދާނެ ކަމަށް ފިލްމީ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން އަންދާޒާކޮށްފައިވެ އެވެ.

މި އަހަރު ރިލީޒްވި ޝާހްރުކްގެ ފުރަތަމަ ފިލްމަކީ އޭނަ ވަރުގަދަ އެކްޝަން ހީރޯއެއްގެ ގޮތުގައި ލޭބަލްކުރެވުނު ޖެނުއަރީ 25 ގައި ރިލީޒްކުރި "ޕަތާން" އެވެ. ސިދާތު އާނަންދު ޑައިރެކްޓްކުރި މި އެކްޝަން ތުރިލާ 240 ކްރޯޑް ރުޕީސް (29 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި 1،050.30 ކްރޯޑް ރުޕީސް (126.2 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދާފައިވެ އެވެ.

"ޕަތާން" ގެ ބޮޑު ކާމިޔާބީ އަށް ފަހު، އަނެއްކާ ވެސް ޝާހްރުކް އައީ އެކްޝަން ތުރިލާއަކާ އެކީގަ އެވެ. އެއީ ސެޕްޓެމްބަރު 7 ގައި ރިލީޒްކުރި "ޖަވާން" އެވެ. އެޓްލީ ޑައިރެކްޓްކުރި މި ފިލްމު ހެދީ 300 ކްރޯޑް ރުޕީސް (36.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ. ބޮކްސް އޮފީހުން ފިލްމަށް ޖުމްލަ 1،148.32 ކްރޯޑް ރުޕީސް (138.1 މިލިއަން ޑޮލަރު) ލިބުނެވެ.

ކޮންމެއަކަސް މި އަހަރު ޝާހްރުކް ސާބިތުކޮށް ދިނީ އޭނަގެ ޒަމާން އަދިވެސް ނުދާކަމެވެ. އޭނަގެ ވިދުން ގަދަކަމެވެ. ފާޑުކީ މީހުންނަށް ހެޓްރިކަކުން ރައްދު ދިން އިރު، މި އަހަރުގެ ތިން ފިލްމުގެ ކުރިން ޝާހްރުކް ކުޅުނު 2018 ގެ "ޒީރޯ" އަކީ ސުމަކުން ދިޔަ ފިލްމެކެވެ.

އޭނަގެ ބޮޑު ނާކާމިޔާބީއާ އަކީ ކަރުބުޑުގައި ލި ގަދަ ހިތި ރަހާ އެކީ އޭނަ ދެ އަހަރެއްހާ ދުވަސް ވަންދެން އެއްވެސް ފިލްމަކަށް ސޮއި ވެސް ނުކޮށް މަޑުކުރި އެވެ. އޭގެ ފަހުން 2020 ގެ ފަހުކޮޅު "ޕަތާން" ގެ މަސައްކަތް ފެށީ ވަރުގަދަ އެނބުރި އައުމަކާ އެކީ އަންނާނެކަމުގެ ކުލަވަރު ދައްކަމުންނެވެ.

އެގޮތުން އެ ފިލްމަށް ޝާހްރުކްގެ ހަށިގަނޑަށް ގެނައި ބަދަލާއި ދައްކުވައިދިން ވަރުގަދަ އެކްޝަންތަކަކީ މުޅިން އާ ތަރިއެއް އުފަންވުން ކަހަލަ ކަމެކެވެ.

ކާމިޔާބު ތިން ފިލްމަށް ފަހު އާ އަހަރާ ކުރިމަތިލާ އިރު، އަންނަ އަހަރަށް ޝާހްރުކް ފެންނާނެ ފިލްމެއް ނެތެވެ. އެކަމަކު އަންނަ އަހަރުގެ ކުރީކޮޅު އޭނަ އާ ފިލްމެއްގެ ޝޫޓިން ފަށާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެއީ "ދަ ކިންގް" ގެ ކިޔާ އެކްޝަން ތުރިލާއެކެވެ. މީގައި ޝާހްރުކްގެ ދަރިފުޅު، ސުހާނާ ޚާން ވެސް ވަރުގަދަ ރޯލެއް ކުޅޭނެ އެވެ.

މީފެ ދެ ދުވަހެއް ކުރިން ޝާހްރުކް، 58، ބުނެފައި ވަނީ އޭނަ ދެން ކުޅެން އޮތީ އުމުރާ ވަރަށް ގުޅޭ ކަހަލަ ރޯލެއް ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން "ދަ ކިންގް" ގެ ޑައިރެކްޓަރަކީ ސުޖޯއީ ގޯޝް އެވެ. މިއީ އޭނަ ޑައިރެކްޓްކުރާ ފިލްމެއް ޝާހްރުކް ކުޅޭނެ ފުރަތަމަ ފަހަރެވެ.

މި އަހަރު ރިލީޒްވި ޝާހްރުކްގެ ތިން ފިލްމަކީ ވެެސް އޭނަ ކުރިން އެކީގައި މަސައްކަތް ނުކުރާ ޑައިރެކްޓަރުންގެ ފިލްމުތަކެވެ. ކެރިއަރުގައި މިހާތަނަށް އޭނަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ލޯބީގެ ފިލްމުތަކެވެ.