އިސްލާމިކް މިނިސްޓްރީގެ ހިދުމަތްތައް ރަނގަޅު ކުރުމުގެ ގޮތުން އެ މިނިސްޓްރީގައި "ތިންކް ޓޭންކް" އެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ މިކަން ކުރަން ނިންމާފައި ވަނީ މިނިސްޓްރީގައި ތިއްބެވި އެންމެ ތައުލީމީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ނިންމީ މިނިސްޓްރީގެ އިސްވެރިންގެ ބައްދަލުވުމެއްގައި ކަމަށް ވިދާޅުވި އެވެ. ނަމަވެސް "ތިންކް ޓޭންކްް" އާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަމާ ޝަހީމު ހަވާލުވެވަޑައިގަތް ފަހުން މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާކުރައްވައި، ދީނީ ކަންކަން ރާއްޖޭގައި ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ.
ޝަހީމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.