އިމާމުވެ ހުކުރު ކުރަން ޝައުގުވެރިވާ ދަރިވަރުންނަށް އެ ފުރުސަތު ދޭން ނިންމައި، ރަޖިސްޓްރީވާން ހުޅުވައިލުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ
މިއީ މުޅި ރާއްޖެ އަށް ހުޅުވައިލި ފުރުސަތެކެވެ. އަދި ފުރުސަތު ހުޅުވައިލީ ގްރޭޑް ގްރޭޑް 10-12 ގައި ކިޔަވަމުން އަންނަ ނުވަތަ ކިޔެވުން ނިންމާފައިވާ ދަރިވަރުންނަށެވެ. އިމާމުވެ ހުކުރު ކުރަން ޝައުގުވެރިވާ ދަރިވަރުންނަށް ރަޖިސްޓްރީވާން ހުޅުވައިލީ މި މަހުގެ 11 ގަ އެވެ. އަދި އެ ފުރުސަތު އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް އޮންނާނެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިކަމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، މިހާތަނަށް 70 ދަރިވަރަކު ރަޖިސްޓްރީވެފައިވާ ކަމަށެވެ.
އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދަރިވަރުންނަށް ދޭން ނިންމީ އިމާމުންނާއި ޚަތީބުންގެ ޒުވާން ޖީލެއް ބިނާކުރަން މަގުފަހި ކުރުމުގެ ގޮތުންނެވެ. އެގޮތުން މި ފުރުސަތު ދިނުމުގައި ތަޖުވީދުގެ މަގަށް ރީތިކޮށް، ޤުރުއާން ކިޔަވައި ނަމާދުގެ ފިގުހު ބައިތަކަށް އަހުލުވެރި ދަރިވަރުންނަށް އިސްކަން ދޭނެ އެވެ.