Last Updated: July 23, 14:58
Thursday, July 23, 2026
މުނިފޫހިފިލުވުން

މަންމައާ އެކީ ސައިފް، ކަރަންގެ ޝޯ އަށް

ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާނާއި އޭނަގެ މަންމަ ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރް އެކީގައި ކަރަން ޖޯހަރުގެ "ކޮފީ ވިތު ކަރަން" ސީޒަން 8 ގެ އެޕިސޯޑެއްގައި ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ޝޯ އަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދޭ އެއްޗެކެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގެނެސްދިން އެންމެ ފަހުގެ އެޕިސޯޑްގައި ބައިވެރިވީ ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި އެކްޓަރު ދޭވްގަނެވެ.

މީޑިއާތަކުން ބުުނީ ސައިފާއި ޝަރުމީލާ އެކީގައި ޝޯ އަށް ގެންނަން ނިންމާފައިވާ އިރު، އެ މީހުންގެ އެޕިސޯޑްގެ ޕްރޮމޯއެއް ވެސް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ. އެހެންވެ މިކަން ވާނީ ކަރަންގެ ޝޯގައި ޝަރުމީލާ ބައިވެރިވާ ފުރަތަމަ ފަހަރަށެވެ. ނަމަވެސް ސައިފް މީގެ ކުރިން ޝޯގެ އެކި ސީޒަންތަކުގައި ބައިވެރިވެފައިވެ އެވެ.

އަދި މި ފަހަރުގެ ސީޒަންގެ ދެވަނަ އެޕިސޯޑްގައި ބައިވެރިވީ އޭނަގެ ދަރިފުޅު ސާރާ އަލީ ޚާނާއި ބަތަލާ އަނަންޔާ ޕާންޑޭ އެވެ.

ހިންދީ ސިނަމާގައި 1960 އާއި 1970 ގެ ކުރީކޮޅު ފިޔަޖެހި ޝަރުމީލާ، 78، އަކީ މިހާރު ވެސް މަދުމަދުން ފިލްމުތައް ކުޅެމުން އަންނަ ބަތަލާއެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ މާޗްގައި ގެނެސްދިން "ގުލްމޯހަރް" އެވެ. ހުނަރުވެރި ބަތަލާގެ ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "ކަޝްމީރު ކީ ކާލީ"، "ވަގުތު"، "އަނޫޕަމާ"، "އޭން އިވްނިން އިން ޕެރިސް"، "އަރާދަނާ"، "އަމަރު ޕްރޭމް"، "ދާގް" އަދި "ޗުޕްކޭ ޗުޕްކޭ" ފާހަގަކޮށްލެވެ އެވެ