Last Updated: July 14, 13:49
Wednesday, July 15, 2026
ކުޅިވަރު

ވުލްވްސް އަތުން ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވުލްވްސް އަތުން 2-1 އިން ޗެލްސީ ބަލިވެއްޖެ އެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު 18 މެޗުން ލިބުނު 22 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގަ އެވެ. ވުލްވްސް އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު އެޓީމު އޮތީ ލީގުގެ 11 ވަނައިގަ އެވެ. ޗެލްސީ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޗެލްސީގެ ރަހީމް ސްޓާލިން އަށެވެ. އެގޮތުން މުޅިން ހުހަށް ބޯޅަ ހިފައިގެން ވުލްވްސްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ސްޓާލިން ފޮނުވާލި ހަމަލާ ދިފާއުުކުރީ ވުލްވްސްގެ ކީޕަރު ޖޯސޭ ސާ އެވެ.

މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 51 ވަނަ މިނެޓްގައި ވުލްވްސް އަށް ކާމިޔާބުކޮށްދިނީ މާރިއޯ ލަމީނާ އެވެ. ޗެލްސީގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ލަމީނާ މި ގޯލު ކާމިޔާބު ކުރީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. މި ގޯލާއެކު ޗެލްސީން ކްރިސްޓޮފާ އެންކުންކޫ އާއި މިކައިލޯ މުޑްރިކް ކުޅެން އެރުވިއިރު ކުޅެން އެރިތާ މާގިނަ އިރުތަކެއް ނުވަނީސް ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދިނުމާ ގާތަށް އެންކުންކޭ ޖެހިލާފައިވެ އެވެ. އެގޮތުން އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ރޮގުމަތިން ވުލްވްސްގެ ކުޅުންތެރިއަކު ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވެގެން އިތުރު ވަގުތުގައި ދެއްކި 11 މިނެޓްގެ ތެރޭގައި ވުލްވްސްގެ މެޓް ޑޮހަޓީ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ޗެލްސީގެ ހަމައެކަނި ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ އެންކުންކޫ އެވެ. މިއީ އަނިޔާ އިން ރަނގަޅުވެ ޕްރިމިއާ ލީގުގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

މިއީ ރަށުން ބޭރުގައި ކުޅެ ޗެލްސީ ޖެހިޖެހިގެން ބަލިވި ހަތަރުވަނަ މެޗެވެ. އަދި މިއީ ލީގުގައި އެޓީމު ބަލިވި 8 ވަނަ މެޗެވެ.

ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސްއާ އެވެ. ވުލްވްސް ނިކުންނާނީ ބްރެންޓްފޯޑްއާ ދެކޮޅަށެވެ.