ރާއްޖޭގައި ބޭއްވި ފުރަތަމަ ޑްރޯން ރޭސް، އުރީދޫ ޑްރޯން ރޭސް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކާމިޔާބުކަމާ އެކު މިއަދު ނިންމާލައިފި އެވެ.
ދެ ކެޓަގަރީއަކަށް ބަހާލައިގެން 12 ހުނަރުވެރި ޕައިލެޓުން ވާދަކުރިއިރު، ސްކައި ވޯކާ ކެޓެގަރީންނާއި ސްކައި އެލީޓް ކެޓެގަރީގައި ވާދަކޮށް އެ ޕައިލެޓުންގެ ހުނަރު ވަނީ ދައްކާލާފަ އެވެ. ސްކައި ވޯކާ ކެޓަގަރީގައި ހަތަރު ހުރަހަކުން 8 ޕައިލެޓުން ހުނަރުވެރިކަމާއެކު ޑްރޯންތަކަށް ދުއްވާފައިވާއިރު، ސްކައި އެލީޓް ކެޓަގަރީން ހަތަރު ބައިވެރިން ނުވަ ހުރަހަކުން ދަތުރުކޮށް އެންމެ ހަލުވި ވަގުތުގެ ތެރޭގައި 2 ލެޕް ނިންމުމަށް ވާދަކޮށްފައިވެ އެވެ.
ސްކައި އެލީޓް ކެޓަގަރީން ވާދަކުރިފަރާތްތަކުގެ ތެރެއިން 1:00:55 ގެ ތެރޭގައި ރޭސް ނިންމާ އެއްވަނަ އަށް ދާ ފަރާތައް ލިބޭ ޑީޖޭއައި މިނީ 3 ޕްރޯ (ޑީޖޭއައި އާރްސީ) ކާމިޔާބު ކޮށްފައިވަނީ މުހައްމަދު އާލިން ޝާފިއު އެވެ. އަދި 1:06:11 އިން ރޭސް ނިންމައި، ހަމްޒާ ވަސީމް ދެވަނަ ހޯދިއިރު، ތިންވަނަ ހޯދީ 1:08:10 މިނެޓުން ރޭސް ނިންމި ހުސައިން އަލޫފް ރިޔާޒެވެ. ދެވަނަ އަށް ދިޔަ ފަރާތަށް 3 މަސް ދުވަހުގެ (1536 ޖީބީ) ޕެކޭޖާއި އެކު އުރީދޫ 5ޖީ އެއާފައިބާ ޑިވައިސް އެއް ލިބިފައިވާއިރު ތިން ވަނަ ހޯދި ފަރާތައް ލިބުނީ 2000 ރުފިޔާގެ މޫލީ ވައުޗަރެކެވެ.
ސްކައި ވޯކާ ކެޓަގަރީގެ އެއްވަނަ ހޯދި އިބްރާހިމް ޝާބިލް 01:11:78 އިން ރޭސް ނިންމިއިރު، ދެވަނަ ހޯދި އައްޝަމް ޝަރީފު ރޭސް ނިންމީ 01:25:94 ތެރޭގަ އެވެ. މި ކެޓެގަރީ އިން އެއްވަނަ ހޯދި ޝާބިލް އަށް ޑީޖޭއައި މިނީ 2 އެސްއީ އެއް ލިބިފައިވާއިރު ދެ ވަނަ ހޯދި ފަރާތައް 3 މަސް ދުވަހުގެ (750 ޖީބީ) ޕެކޭޖާއި އެކު އުރީދޫ 5ޖީ އެއާފައިބާ ޑިވައިސް އެއް ލިބިފައިވެ އެވެ. މީގެ އިތުރުން 01:27:36 އިން ރޭސް ނިންމާ ތިން ވަނަ ހޯދި މިފްޒާލް އިބްރާހިމް ފަޒީލަށް 1000 ރުފިޔާގެ މޫލީ ވައުޗަރެއް ލިބިފައިވެ އެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އުރީދޫ ޑްރޯން ރޭސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށާއި ސްޓެބިސިސް މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދިޔަ މި ޑްރޯން ރޭސް ގައި ވާދަކޮށް ވަނަތައް ހޯދި ހުނަރުވެރި ޕައިލެޓުންނަށް މަރުހަބާ ކިޔާ ކަމަށެވެ.
މިއަހަރުގެ ޑްރޯން ރޭހުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް، އައު ކަންތައްތަކާއެކު މިއަށްވުރެ ވެސް ފުރިހަމަކަމާއެކު އުރީދޫ ޑްރޯން ރޭސް ކުރިއަށް ގެންދިއުމަށާއި ރާއްޖޭގައި ޑްރޯން ރޭސިންގެ ފުރުސަތުތައް އިތުރަށް ފަހިކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.