ފަލަސްތީނުގެ ގާޒާގެ ރެފިއުޖީ ކޭމްޕަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ގިނަ ބަޔަކު ޝަހީދުކޮށްލައިފި އެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ ގާޒާގެ އަލް މަގާޒީ ރެފިއުޖީ ކޭމްޕަށް ދިން މި ހަމަލާގައި 70 މީހަކު ޝަހީދުވެފައިވާ ކަމަށާއި މި އަދަދު މިއަށް ވުރެ ވެސް މައްޗަށް އެރުމަކީ އެކަށިގެންވާ ކަމެއް ކަމަށެވެ. މި ހަމަލާގައި ގިނަ ބަޔަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާއިރު އެ ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ ގެތަކެއް ވެސް ވަނީ ބިމާ ހަމަވެފަ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަލް މަގާޒީ ރެފިއުޖީ ހުންނަ ސަރަހައްދަކީ ގިނަ އަދަދަކަށް އާންމުން ދިރިއުޅެމުން އަންނަ ސަރަހައްދެކެވެ. އެ ސަރަހައްދު ދޫކޮށް ދިޔުމަށް އާންމުންނަށް އިޒްރޭލުން މީގެކުރިން އަންގާފައިވާ ކަމަށާއި އެ ރެފިއުޖީ ކޭމްޕު މިހާރު ބިމާ ހަމަކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އަލް މަގާޒީ ރެފިއުޖީ ކޭމްޕަށް މިދިޔަ މަހު ވެސް އިޒްރޭލުން ހަމަލާއެއް ދީފައިވެ އެވެ. އެ ހަމަލާގައި 50 މީހަކު ވަނީ ޝަހީދުވެފަ އެވެ.
އިޒްރޭލުން މީގެކުރިން ވަނީ ގާޒާގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕު ކަމަށްވާ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ވެސް ތަކުރާރުކޮށް ހަމަލާތަކެއް އަމާޒުކޮށްފަ އެވެ. އެގޮތުން މިދިޔަ ހަފްތާގައި އެ ރެފިއުޖީ ކޭމްޕަށް އަމާޒުކުރި ހަމަލާގައި 90 މީހަކު ވަނީ ޝަހީދުވެފަ އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ ހަނގުރާމަ އިއުލާންކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 20،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާ ކަމަށް މި ހަފްތާގައި އދ. އިން ނެރުނު ރިޕޯޓެއްގައިވެ އެވެ.