Last Updated: July 23, 14:58
Thursday, July 23, 2026
މުނިފޫހިފިލުވުން

"ސްކްރީމް 7" އަށް ޑައިރެކްޓަރު ގެއްލިއްޖެ

ހޮލީވުޑްގެ މަގުބޫލު ބިރުވެރި ފިލްމު ފްރެންޗައިޒް "ސްކްރީމް" ގެ 7 ވަނަ ފިލްމުގެ ޑައިރެކްޓަރު ކްރިސްޓޯފާ ލޭންޑަން އެ ދޫކޮށްލައިފި އެވެ.

މިކަން އޭނަ ސޯޝަލް މީޑިއާގައި ހިއްސާކޮށް އޭނަ ބުނީ ފިލްމު ދޫކޮށްލީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށެވެ. އަދި މިއީ ބަޔަކަށް މާޔޫސީއަކަށް ވެދާނެ ކަމަށާއި "ސްކްރީމް 7" ގެ ޑައިރެކްޓްކުރުމަކީ ހުފަވެނީ މަސައްކަތަކަށް ވިޔަސް އެ ދޫކޮށްލަން ޖެހުނީ އެ ހުވަފެން "ބިރުވެރިވުމުން" ކަމަށް ބުންޏެވެ.

ޑައިރެކްޓަރު ފިލްމު ދޫކޮށްލި އިރު ފިލްމުގެ ކާސްޓުން "ސްކްރީމް" ފަހެކާއި ހައެއްގައި ވެސް މުހިއްމު ރޯލެއް ކުޅުނު ބަތަލާ މެލީސާ ބަރޭރާ ވަނީ ވަކިކޮށްފަ އެވެ. އޭނަ ފިލްމުން ވަކިކުރީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ކުށްވެރިކޮށް އާންމުކުރި ސޯޝަލް މީޑިއާ ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓްގެ މައްސަލަ ހޫނުވުމުން މެލީސާ ފަހުން ޕޯސްޓް ޑިލީޓްކޮށްފައިވެ އެވެ. އަދި "ސްކްރީމް 7" އިން އޭނަ ވަކިކުރުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ފިލްމުގެ ޓީމަށް އަމާޒުވެފައިވެ އެވެ.

މީގެ އިތުރުން މީގެ ކާސްޓްގައި ހިމެނުނު ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "ވެނިޒްޑޭ" ގެ ބަތަލާ ޖެނާ އޯޓެގާ ވެސް ވަނީ "ވެނިޒްޑޭ" ގެ ދެވަނަ ސީޒަންގެ ޝެޑިއުލް އާއި "ސްކްރީމް 7" ގެ ޝެޑިއުލް ފުށުއަރާތީ ފިލްމު ދޫކޮށްލައިފަ އެވެ.

"ސްކްރީމް" ގެ ފުރަތަމަ ފިލްމު ގެނެސްދިނީ 1996 ގަ އެވެ. ފުރަތަމަ ހަތަރު ފިލްމުގެ ޑައިރެކްޓަރަކީ ވެޒް ކްރެވެން އެވެ. ފަސް ވަނަ ފިލްމާއި ހަ ވަނަ ފިލްމު ޑައިރެކްޓްކުރީ ޓައިލާ ޖިލެޓާއި މެޓް ބިޓަނެލީ-އޮލްޕިން އެވެ. ހަ ވަނަ ފިލްމު ރިލީޒްކުރީ މި އަހަރުގެ މާޗް 10 ގަ އެވެ. ޖުމްލަ 35 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 169 މިލިއަން ޑޮލަރު ލިބުނެވެ.

"ސްކްރީމް 7" ލެންޑަން، 48، ދޫކޮށްލި އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ފެބްރުއަރީ ގެނެސްދިން ސުޕަނެޗްރަލް ހޮރޯ ކޮމެޑީ "ވީ ހޭވް އަ ގޯސްޓް" އެވެ. އޭނަ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "ހެޕީ ޑެތު ޑޭ" ގެ ދެ ފިލްމާއި "ފްރީކީ" ހިމެނެ އެވެ.