ޖަރުމަނަކީ މިހާރު ޔޫރަޕްގައި އިޒްރޭލަށް ވާގިދޭ އެންމެ ގާތް ބައިވެރިވެރިޔާ ކަމަށް ޔަހޫދީ ދައިލަތުން ޖަރުމަނަށް ކަނޑައަޅާފައި ހުންނަ ސަފީރު ރޮން ޕްރޮސޯރް ބުނެފި އެވެ.
ދަ ޓެލެފްރާފަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ މީގެ ކުރިން ޖަރުނަމާއި އިޒްރޭލާ ދެމެދު އޮތް ގުޅުން ބަދަހި ނުވާ ވަރަށް އެ ގުޅުން މިހާރު ބަދަހިވެފައިވާ ކަމަށާއި މީގެ މައިގަނޑު ސަބަބަކީ ޓެރަރިޒަމާ ދެކޮޅަށް ދެ ގައުމުން ކުރާ މަސައްކަތް ކަމަށެވެ. އެގޮތުން ހަމާސް ޖަމާއަތާ ދެކޮޅަށް އިޒްރޭލުން ކުރާ މަސައްކަތުގައި މިހާރު އެންމެ ބޮޑު މަދަދުވެރިިޔަކީ ޖަރުމަން ކަމަށާއި އިޒްރޭލު ގޮތަށް ޖަރުމަނަކީ ވެސް ހަމާސްގެ ނުރައްކަލާ މެދު ކަންބޮޑުވާ ގައުމެއް ކަމަށް ސަފީރު ބުންޏެވެ.
އޭނަ ބުނީ ގޮތުގައި ދެ ގައުމުގެ ގުޅުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ގެ ފަހުން ވަރަށް ބޮޑަށް ބަދަހިވެފައިވެ އެވެ. އެ ތާރީހަކީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް މިހާރު ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފެށި ދުވަހެވެ. ސަފީރު ބުނީ ޖަރުމަން މިހާރު އޮތީ ދިފާއީ ގޮތުން އިޒްރޭލަށް ހުރިހާ ގޮތަކުން ވެސް އެހީވުމަށް ތައްޔާރުގައި ކަމަށެވެ.
އެހެންވެ ވަރަށް އަވަހަށް ދެ ގައުމުގެ މެދުގަގައި ދިފާއީ އެއްބަސްވުންތަކެއް ހެދޭނެކަމުގެ އިޝާރާތްތަކެއް ވެސް ދީފައިވެ އެވެ.
"ޝައްކެއް ވެސް ނެތް ގޮތުގައި ޖަރުމަނަކީ މިހާރު ޔޫރަޕްގައި އިޒްރޭލުގެ އެންމެ ގާތް ބައިވެރިޔާ،" ސަފީރު ބުންޏެވެ. "އަދި އެމެރިކާ ފިޔަވައި ދެވަނަ އަށް އިޒްރޭލުގެ އެންމެ ގާތް ސްޓްރެޓެޖިކް ބައިވެރިޔާ."
އޭނަ ބުނި ގޮތުގައި އިޒްރޭލާއި ޖަރުމަނަކީ އިރާނާ މެދު ވަރަށް އެއްގޮތް ސިޔާސުތަކެއް ގެންގުޅޭ ދެ ގައުމެވެ. އެ ގޮތުން އިރާންގެ "މުއްލާއިންނާއި އާތަޔުއްﷲ އިންގެ މައްސަލަ" އަކީ ބައިނަލްއަގްވާމީ މައްސަލައެއް ކަމަށް ބުންޏެވެ. އެހެންވެ އެ މީހުން ނައްތައިލަން އިޒްރޭލާ އެކީ ޖަރުމަން ދެމިއޮންނާނެކަމުގެ ޔަގީންކަން އޮތް ކަމަށް ސަފީރު ބުންޏެވެ.
އޮކްޓޯބަރު 7 އން ފެށިގެން އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.