Last Updated: July 23, 14:58
Thursday, July 23, 2026
މުނިފޫހިފިލުވުން

ޝަރުމީލާ އާއި ސައިފްގެ އެޕިސޯޑްގެ ޕްރޮމޯއެއް

ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާނާއި މަންމަ ޝަރުމީލާ ޓެގޯރް އެކީގައި މެހުމާނުންގެ ގޮތުގައި ބައިވެރިވާ، ކަރަން ޖޯހަރްގެ ޗެޓް ޝޯ، "ކޮފީ ވިތު ކަރަން" ގެ ސީޒަން 8 ގެ އެޕިސޯޑްގެ ޕްރޮމޯ އާންމުކޮށްފި އެވެ.

މި އެޕިސޯޑް ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާ ކުރާނީ މި މަހުގެ 28 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. މަންމަ އާއި ދަރިފުޅު އެކީގައި ބައިވެރިވާ އެޕިސޯޑްގައި ޝައުގުވެރި އެތައް ވާހަކަތަކެއް ކިޔައި ދޭނެ އެވެ. މިއީ ކަރަންގެ ޝޯގައި މަންމައާ އެކީ ސައިފް ބައިވެރިވާ ފުރަތަމަ ފަހަރެވެ. މީގެ ކުރީގެ ސީޒަންތަކެއްގައި އަންހެނުން ކަރީނާ ކަޕޫރާއި ދަރިފުޅު ސާރާ އަލީ ޚާނާ އެކީގައި ސައިފް ޝޯގައި ބައިވެރިވެފައިވެ އެވެ.

މި ސީޒަންގައި ޝަރުމީލާގެ ފެނުން ވާނީ ކަރަންގެ ޝޯގައި މުޅިން އަލަށް އޭނަ ބައިވެރިވާ ފަހަރަށެވެ.

މިހާރު އުމުރުން 78 އަހަރުގެ ޝަރުމީލާ އަކީ އަކީ ހިންދީ ސިނަމާގައި 1960 އާއި 1970 ގެ ކުރީކޮޅު ވަރަށް ވިދި ބަތަލާއެކެވެ. އޭނަގެ ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ.

ޝަރުމީލާ އަކީ މިހާރު ވެސް މަދުމަދުން ފިލްމުތަކުން ފެންނަ ބަތަލާއެކެވެ. ސައިފަކީ އޭނަގެ ތިން ކުދިންގެ ތެރެއިން ހަމައެކަނި ފިރިހެން ދަރިފުޅެވެ.