ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އާލިއާ ބަޓާއި ރަންބީރް ކަޕޫރްގެ ދަރިފުޅު ރާހާ ކަޕޫރް މިއަދު ފުރަތަމަ ފަހަރަށް މީޑިއާތަކަށް ދައްކާލައިފި އެވެ.
ކްރިސްމަހާ ދިމާކޮށް ދެމަފިރިން ދަރިފުޅު ދައްކާލައި މީޑިއާތަކަށް ފޮޓޯ އާއި ވީޑިއޯ ނަގަން ވެސް ފުރުސަތު ދިނެވެ. މީޑިއާތަކަށް ދަރިފުޅު ދައްކައިލި އިރު، ރަންބީރް ހުރީ ދަރިފުޅު އުރާލައިގެންނެވެ. އަދި މީޑިއާތަކަށް ދަރިފުޅު ލައްވައި އިޝާރާތްކުރުވަން އާލިއާ މަސައްކަތް ކުރުވާ ތަން ވެސް ވީޑިއޯތަކުން ފެނެ އެވެ.
ރާހާ އަށް އަހަރެއް ފުރުނީ މިދިޔަ މަހުގެ 6 ގަ އެވެ.
ދަރިފުޅު ވިހޭ ފަހުން މިހާތަނަށް އެއްވެސް ވަރަކަށް މީޑިއާތަކަށް ދަރިފުޅު ދައްކައިފައެއް ނުވެ އެވެ. މިކަމާ ގުޅިގެން އާލިއާ އާއި ރަންބީރަށް ވެސް ވަރަށް ގިނަ ސުވާލުތައް ކުރިމަތިވެ އެވެ. މި ދެ ތަރިން ކައިވެނިކުރީ މިދިޔަ އަހަރުގެ އެޕްރީލް 14 ގަ އެވެ.