ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން ކަމަށްވާ އުރީދޫ ފަން ރަން 2024 ގެ ރީޖަނަލް އެޑިޝަން ލ. އަތޮޅުގައި ބޭއްވުމަށް ނިންމައިފި އެވެ.
އުރީދޫ ފަން ރަން 2024 ގެ ރީޖަނަލް އެޑިޝަން ލ. އަތޮޅުގައި އުރީދޫ އިން ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާންކޮށްދެއްވީ މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވި އުރީދޫ ފަން ރަން ފެށުމުގެ ކުރިން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އެވެ.
މި ރަސްމިއްޔާތުގެ ތެރެއިން އުރީދޫ ފަން ރަންގެ އުފާވެރި ރޫހު ރަމްޒުކޮށްދޭ ރަމްޒީ ހަނދާނީ ފިލައެއް ނައިބު ރައީސް އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ ވަނީ ލ. އަތޮޅުގެ އިއްޒަތްތެރި ކައުންސިލް ރައީސް އިސްމާއިލް އަލީއަށް އަރުވާފަ އެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ޙަމާދީ ވިދާޅުވީ އުރީދޫ ފަން ރަން 2024 އަށް ލ. އަތޮޅު އިޚްތިޔާރުކުރުމަކީ ހަމައެކަނި ދުވުމެއް ނޫން ކަމަށާއި އެއީ، ދިވެހިންގެ ޤައުމުގެ ތަފާތު ރީތިކަމާއި ތަފާތުކަން ޤަބޫލުކުރުން ކަމަށެވެ. އަދި ލ. އަތޮޅުގެ ހިތްގައިމު މުޖުތަމައުއާ ގުޅިގެން ދެމެހެއްޓެނިވި ހަނދާންތައް އެކުގައި އުފެއްދުމަށް އުއްމީދު ކުރާ ކަމަށްވެސް ވިދާޅުވި އެވެ.
މިއަހަރުގެ އުރީދޫ ފަން ރަންގައި 6،000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވެފައިވެ އެވެ. އުރީދޫ ފަން ރަން އަކީ ހުރިހާ އުމުރެއްގެ އާއިލާތަކަށާއި ރަހުމަތްތެރިންނަށް ވެސް މަޖާކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ މަޖާ 5ކޭ ދުވުމެކެވެ.