Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ހަނގުރާމަ ނިމެން އަދި ގާތް ވެސް ނުވޭ

ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމެން އަދި ގާތް ވެސް ނުވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫގެ ލިކޫޑް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ހަނގުރާމަ ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ. އަދި މިއީ ދިގު ދެމިގެންދާނެ ހަނގުރާމައެއް ކަމަށާއި ހަނގުރާމަ ނިމެން އަދި ގާތް ވެސް ނުވާ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

އަދި އިޒްރޭލު އަސްކަރިއްޔާގެ އެހީއާއެކު ހަމާސްގެ ބެލުމުގެ ދަށުގައިވާ އިޒްރޭލު ރައްޔިތުން ސަލާމަތް ކުރާނެ ކަމަށާއި އެކަމަށް ވަގުތުކޮޅެއް އަދިވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެގައުމުގެ 130 މީހަކު ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި އެބަ ތިއްބެވެ.

އިޒްރޭލުން ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް ފަލަސްތީނުގެ ގާޒާ އަށް ހަމަލާތައް ދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 20،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާ ކަމަށް އދ. އިން ބުނެ އެވެ.