މައިދައިތަ ސޯނީ ރާޒްދާން ބަޓްގެ ނަމުގައި ދަނބިދަރި، ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރް ކަޕޫރް އެއް ލައްކަ ރުޕީސް ހަދިޔާކޮށްފި އެވެ.
އެ ފައިސާ ހަދިޔާކުރީ ޗައިލްޑް ވެލްފެއާއަކަށެވެ. މި ވާހަކަ ސޯނީ އިންސްޓަގްރާމް ސްޓޯރީގައި ވެސް ހިއްސާކޮށްފައިވެ އެވެ. ރަންބީރްގެ އަންހެނުންނަކީ ސޯނީ އާއި މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝްގެ ބަޓްގެ ހަގު ދަރިފުޅު ބަތަލާ އާލިއާ ބަޓެވެ. އެ ދެ ތަރިން ކައިވެނިކުރީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. ރަންބީރާއި އާލިއާގެ މިހާރު އަހަރުވީ އަންހެން ދަރިއަކު ވެސް އެބަހުއްޓެވެ.

ރަންބީރްވެފައި ވަނީ މަހޭޝް އާއި ސޯނީ ވަރަށް ލޯބިވާ ދަނބިދަރިއަކަށެވެ. އެގޮތުން މި މަހުގެ 1 ގައި ރިލީޒްކުރި ރަންބީރްގެ ފިލްމު "އެނިމަލް" ގެ ޕްރޮމޯޝަނަށް އޭނަ ދާދި ފަހުން ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ސީޒަން 13 ގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވި އިރު، މަހޭޝް ފޮނުވި ވީޑިއޯ މެސެޖެއްގައި ރަންބީރް ފަދަ ދަނބިދަރިއަކު ލިބުމަކީ ވަރަށް އުފާވާ އަދި އެހާމެ ފަހުރުވެރިވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
ރަންބީރަކީ ނީތޫ ކަޕޫރާއި މަރުވެފައިވާ އެކްޓަރު ރިޝީ ކަޕޫރްގެ ދަރިއެކެވެ. އަދި އޭނަ އަކީ ހިންދީ ސިނަމާގެ އެންމެ ނުފޫޒު ގަދަ ކަޕޫރް ޚާންދާންގެ މެމްބަރެކެވެ.