ރާއްޖެ އިން ހައްޖަށް ގެންދަން ނަގާ އަގު ކުޑަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ސަރުކާރުގެ ކުންފުނި، ހައްޖު ކޯޕަރޭޝަނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަހީމު ވިދާޅުވީ ރާއްޖެއަށް ސައުދީ ދޭން ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނާ ހަވާލުކުރުމުން ރައްޔިތުންނަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި މިގޮތަށް ނިންމީ ވަރަށް ގިނަ ވިސްނުންތަކަކަށްފަހު ކަމަށެވެ.
އެގޮތުން މީގެކުރިން މީގެކުރިން ބައެއް ޖަމާއަތްތަކުން ބޮޑު އަގު ނެގުމަށްފަހު މީހުން ހައްޖެއް ނުގެންދެވި އެބަހުރި ކަމަށާއި އަދި ޙައްޖު ކޯޓާ ގަތުމަށްފަހު ބޮޑު އަގުގައި ވިއްކާފައިވާ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. އެކަން ހައްލުކުރުމަށް ހައްޖު ކޯޕަރޭޝަނާ ހައްޖަށް ގެންދިއުން ހަވާލުކުރުމުގެ އިތުރުން، ހައްޖަށް ގެންދިއުމަށް ނަގާ އަގު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި އަމާޒަކީ ކުރިއަށް އޮތް ދެތިން އަހަރެއްތެރޭގައި މިކަމަށް އަމަލީ ސިފައެއް ގެނައުން ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން ރާއްޖެއަށް އިތުރަށް ކޯޓާ ލިބިއްޖެ ނަމަ، މީހުން ޙައްޖަށް ގެންދިޔުމުގެ ފުރުސަތު އަމިއްލަ ޖަމާއަތްތަކަށް ދިނުމުގެ ވިސްނުން އެބަހުރި ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
އަންނަ އަހަރު ރާއްޖެ 2،000 ހައްޖު ކޯޓާ ހޯދަން ވެސް މަސައްކަތް ކުރައްވާނެ ކަމަށް ޝަހީމު މީގެކުރިން ވަނީ ވިދާޅުވެފަ އެވެ. މިދިޔަ އަހަރު ރާއްޖެ އަށް ލިބުނީ 1،000 ކޯޓާ އެވެ.