ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބޮލީވުޑްގެ ކުރީގެ ބަތަލާ ރާޓީ އަގްނިހޯތުރީގެ ދަރިފުޅު ތަނޫޖް ވިރްވާނީ އިއްޔެ ކައިވެނިކޮށްފި އެވެ.
ވަރަށް ކުލަގަދަކޮށް ބޭއްވި ހަފުލާއެއްގައި 37 އަހަރުގެ އެކްޓަރު ކައިވެނިކުރީ ތާނިއާ ޖެކޮބް ކިޔާ މީހަކާ އެވެ. އެ ދެ މީހުން ކައިވެނިކުރީ ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. ތަނޫޖަކީ ރާޓީގެ ހަމައެކަނި ދަރިފުޅެވެ.
ބޮލީވުޑުން މިހާތަނަށް މާ ބޮޑު މަޝްހޫރު ކަމެއް ހޯދިފައި ނުވާ ތަޖޫޖް މިހާތަނަށް އެންމެ ތިން ފިލްމެވެ. އެއީ ލަވް ޔޫ ސޯނިއޯ (2013)، ޕުރާނީ ޖީންސް (2014) ގެ އިތުރުން ވަން ނައިޓް ސްޓޭންޑް (2018) އެވެ. ތަނޫޖް މިހާތަނަށް ވަރަށް ގިނަ އަދަދެއްފެ ވެބް ސީރީޒްތައް ކުޅެފައިވެ އެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު އެއްޗަކީ އެމެޒޯން ޕްރައިމް ވީޑިއޯގެ "އިންސައިޑް އެޖް" އެވެ. އޭނަގެ އިތުރު ވެބް ސީރީޒްތަކުގެ ތެރޭގައި "ޕޮއިޒަން"، "ކޯޑް އެމް"، "ދަ ޓެޓޫ މާޑާސް" އަދި "ކާޓެލް" ހިމެނެ އެވެ.
ތަނޫޖްގެ މަންމަ ރާޓީ، 63، އަކީ ބޮލީވުޑްގައި 1980 އާއި 1990 ގެ އަހަރުތަކުގެ ތެރޭގައި ވަރަށް ވިދި ބަތަލާއެކެވެ. އޭނަގެ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "އޭކް ދޫޖޭ ކޭ ލިޔޭ" އާއި "ތަވާއިފް"، "ކޫލީ". "އާޕް ކޭ ސާތު" އަދި "ހުކޫމަތު" ހިމެނެ އެވެ.
ރާޓީ އަކީ މިހާރު ވެސް މަދުމަދުން ފިލްމުތަކުން ފެންނަ ބަތަލާއެކެވެ. ހިންދީ ފިލްމުތަކުގެ އިތުރުން އޭނަ ތެލެގޫ، ތަމަޅަ، މަލަޔާޅަމް، ކަންނާޑާ އަދި ބެންގާލީ ފިލްމުތަކެއް ވެސް ކުޅެފައިވެ އެވެ.