އަފްގާނިސްތާންގެ ކާބުލްގައި އިއްޔެ ބޭއްވި ބިޔަ ކައިވެނީގެ ހަފުލާއެއްގައި 50 މީހަކު ކައިވެނިކޮށްފި އެވެ.
މިފަދަ ގޮތަކަށް ކައިވެނީގެ ހަފުލާ ބޭއްވީ ހަރަދު ކުޑަކުރުމުގެ ގޮތުންނެވެ. ކުޑަ އާމްދަނީ ލިބޭ އަފްގާނިސްތާންގެ އާދައިގެ މީހުން މި ގޮތަށް ކައިވެނީގެ ހަފުލާތައް މިހާރު ބާއްވަމުން އައުމަކީ އާންމު ކަމެއް ކަމަށް މީޑިއާތަކުން ބުންޏެވެ. ފަންސާސް މީހުންގެ ޖޯޑު ކައިވެނި ކުރި ހަފުލާ އިންތިޒާމުކުރީ މިފަދަ ހަފުލާތައް އިންތިޒާމުކުރާ ޗެރިޓީއަކުންނެވެ.

އެގޮތުން ކައިވެނިކުރި މީހުންނަށް ހަދިޔާގެ ގޮތުގައި ގޭތެރޭގައި އަޅާ ކާޕެޓާއި ގެވެހި އެކިއެކި ސާމާނު ވެސް ހަދިޔާއަކަށް ދީފައިވެ އެވެ.
ކައިވެނީގެ ހަފުލާގައި މެހުމާނުންގެ ގޮތުގައި ބައިވެރިވީ ކައިވެނި ކުރި އަންހެނުންނާއި ފިރިހެނުންގެ އާއިލާތަކުގެ މީހުންނެވެ.

މީޑިއާތަކުން ބުނި ގޮތުގައި އާންމު އުސޫލުގެ މަތިން ކައިވެނީގެ ހަފުލާއެއް ބާއްވާ ނަމަ މަދުވެގެން 200،000-250،000 އަފްގާނީ ނުވަތަ 3،600 އެއްހާ ޑޮލަރު ހޭދަވާ ކަމަށެވެ. ނަމަވެސް ގިނަ ބަޔަކު އެއް ހަފުލާއެއްގައި ކައިވެނިކުރުމުން ހަރަދުތައް އެތައް ގުނަ ކުޑަކުރެވެ އެވެ.