Last Updated: July 23, 14:58
Thursday, July 23, 2026
މުނިފޫހިފިލުވުން

ޝަރުމީލާގެ ރޯލަށް ދެ ހޮވުމެއް

އަމިއްލަ ހަޔާތަށް ފިލްމެއް ހަދާ ނަމަ އޭގައި އޭނަގެ ރޯލު ކުޅެން ހޮވުމަކަށް ވާނީ ދެ ބަތަލާއިން ކަމަށް ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރް ބުނެފި އެވެ.

އޭނަގެ ދަރިފުޅު މަޝްހޫރު ތަރި، ސައިފް އަލީ ޚާނާ އެކީ ކަރަން ޖޯހަރްގެ ޝޯ "ކޮފީ ވިތު ކަރަން 8" ގެ ކުރިއަށް އޮތް އެޕިސޯޑްގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ، ޝަރުމީލާ، 78، ބުނީ އޭނަގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދާނެތޯ ނޫންތޯ ނޭނގޭ ކަމަށެވެ. ނަމަވެސް ބައޮގްރަފިކަލް ޑްރާމާއެއް ހަދާ ނަމަ އޭގައި ޝަރުމީލާގެ ރޯލު ކުޅެން ހޮވުމަކަށް ވާނީ ކޮން ބަތަލާއެއްތޯ އެހުމުން އޭނަ ބުނީ އާލިއާ ބަޓް ކަމަށެވެ.

"މިހާރު ބައޯޕިކަށް ހަދާ ނަމަ އަހަރެންގެ ރޯލު ކުޅެން ބޭނުން ވަނީ އާލިއާ. އެކަމަކު އަދި އަހަރުތަކެއް ފަހުން ބައޯޕިކް ހަދާ ނަމަ ބޭނުން ވަނީ އަހަރެންގެ ރޯލު ސާރާ ކުޅެން." ޝަރުމީލާ ބުންޏެވެ.

ސާރާ އަލީ ޚާނަކީ ޝަރުމީލާގެ ދޮށީ މާމަދަރި އެވެ. އެއީ ސައިފްގެ ދޮށީ ދަރިފުޅެވެ.

ހިންދީ ސިނަމާގައި 1960 އާއި 1970 ގެ އަހަރުތަކުގެ ތެރޭގައި އެންމެ ވިދި ބަތަލާއިންގެ ތެރޭގައި ހިމެނޭ ބަތަލާގެ ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅުނެވެ. އޭގެ ތެރޭގައި "ކަޝްމީރު ކީ ކާލީ"، "ވަގުތު"، "އަނޫޕަމާ"، "އޭން އިވްނިން އިން ޕެރިސް"، "އަރާދަނާ"، "އަމަރު ޕްރޭމް"، "ދާގް" އަދި "ޗުޕްކޭ ޗުޕްކޭ" ހިމެނެ އެވެ.

ޝަރުމީލާގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރު ކުރީކޮޅު ގެނެސްދިން "ގުލްމޯހަރް" އެވެ.