Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ލިވަޕޫލް އަލުން އެއްވަނަ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީ 2-0 އިން ބަލިކުރުމަށްފަހު ލީގުގެ އެއްވަނަ އަށް ލިވަޕޫލް އަރައިފި އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 19 މެޗުން ލިބުނު 42 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި ލިވަޕޫލަށް ވުރެ އެއް މެޗު މަދުން ކުޅެ 40 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ. ތިންވަނައިގައި 39 ޕޮއިންޓާ އެކު އޮތީ އެސްޓަންވިލާ އެވެ.

ބާންލީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ހަވަނަ މިނެޓްގައި ޑާވިން ނުނޭޒް ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފަ އެވެ. ނުނޭޒް މި ގޯލު ކާމިޔާބު ކުރީ ބާންލީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. މި ގޯލަށްފަހު ވެސް ލިވަޕޫލުން ބާންލީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައިވެ އެވެ. އެ ހަމަލާތައް ދިފާއުކުރުމުގައި ބާންލީގެ ޒުވާން ފޯވާޑް ޖޭމްސް ޓްރެފޯޑްގެ ހުޝިޔާރުކަން ފެނިގެން ގޮސްފައިވެ އެވެ.

ބާންލީ އަށް މި މެޗުގައި ލިވަޕޫލްގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައި ނުވާއިރު، މި މެޗުން ލިވަޕޫލަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ޑިއޯގޯ ޖޯޓާ އެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ އެވެ. ލީގުގެ 19 ވަނައިގައި އޮތް ބާންލީ ނިކުންނާނީ އެސްޓަންވިލާއާ ދެކޮޅަށެވެ.