Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ހޮއިލުންޑްގެ ފުރަތަމަ ގޯލުން ޔުނައިޓެޑަށް މޮޅެއް

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ޑެންމާކުގެ ޒުވާން ފޯވާޑް ރަސްމުސް ހޮއިލުންޑް އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ގޯލުން އެސްޓަންވިލާގެ މައްޗަށް 3-2 އިން ޔުނައިޓެޑުން ކުރި ހޯދައިފި އެވެ.

މި މޮޅާއެކު ޔުނައިޓެޑް ވަނީ 31 ޕޮއިންޓާ އެކު ލީގުގެ ހަވަނަ މަގާމަށް ޖެހިލާފަ އެވެ. އެސްޓަންވިލާ އޮތީ 39 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ 30 މިނެޓްތެރޭ ވިލާ އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފަ އެވެ. ވިލާ އަށް ލިބުނު ހިލޭޖެހުމަކުން މެޗުގެ 21 ވަނަ މިނެޓްގައި އެޓީމުގެ ފުރަތަމަ ގޯލު ޖޯން މެގިން ކާމިޔާބުކޮށްދިން އިރު މެޗުގެ 26 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ޑެންޑޮންކާ އެވެ.

ވިލާ ލީޑުގައި އޮވެ ފުރަތަމަ ހާފު ނިމުނުއިރު ދެވަނަ ހާފުގައި ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް ދިޔައީ ވިލާގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. އެގޮތުން މެޗުގެ 59 ވަނަ މިނެޓްގައި އަލެހަންދްރޯ ގަނާޗޯ ޔުނައިޓެޑްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން އިރު އެޓީމުގެ ދެވަނަ ގޯލު މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް ގަނާޗޯ އެވެ. މި މެޗުން ޔުނައިޓެޑް މޮޅުވި ގޯލު ހޮއިލުންޑް ކާމިޔާބު ކުރީ މެޗުގެ 82 ވަނަ މިނެޓްގައި ވިލާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ހޮއިލުންޑް ،20، ޔުނައިޓެޑާ ގުޅުނީ އެޓަލާންޓާ އިން 64 މިލިއަން ޕައުންޑުގެ އަގަކަށެވެ. މިއީ ލީގުގައި ހޮއިލުންޑް ކާމިޔާބުކުރި ފުރަތަމަ ގޯލު ކަމަށްވާއިރު އޭނާ ވަނީ މީގެކުރިން ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑަށް ފަސް ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ނޮޓިންހަމް ފޮރެސްޓާ އެވެ. ވިލާ ނިކުންނާނީ ބާންލީއާ ދެކޮޅަށެވެ.