Last Updated: July 23, 14:58
Thursday, July 23, 2026
މުނިފޫހިފިލުވުން

ޓްރިޕްތީ އަށް "އާޝިގީ 3"

ރަންބީރް ކަޕޫރްގެ "އެނިމަލް" ގައި ކުޅުނު ރޯލުން ބޮޑު ސަމާލު ކަމެއް ލިބުނު ބަތަލާ ޓްރިޕްތީ ދިމްރީ "އާޝިގީ 3" އަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ފިލްމުގެ ޓީމުގެ ބަޔަކާ ހަވާލާދީ ބޮލީވުޑް ހަންގާމާ އިން ބުނީ ކާތިކް އާރިއަން ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ ފިލްމުގެ ބަތަލާއަކަށް ޓްރިޕްތީ ނެގިކަން މިހާރު ކަށަވަރު ކަމަށެވެ. ނަމަވެސް މިކަން އެ ފިލްމު އުފައްދާ ބަޓް ކޭމްޕާއި ބުޝަން ކުމާރު ޓީ ސީރީޒުން އަދި ރަސްމީކޮށް ކަށަވަރުކޮށެއް ނުވެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ "އެނިމަލް" އަކީ ވެސް ޓީ ސީރީޒްގެ ފިލްމެއްކަމެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި "އާޝިގީ 3" އިއުލާންކުރި ފަހުން މި ފިލްމުގެ ބަތަލާއާ ބެހޭ ގޮތުން މިހާތަނަށް ވަރަށް ވާހަކަތައް ދެކެވިފައިވެ އެވެ. އެގޮތުން ޓީވީ ބަތަލާ ޖެނިވާ ވިންގެޓް ފިލްމަށް ސޮއިކުރި ވާހަކަ އާއި ކެޓްރީނާ ކައިފާއި ދީޕިކާ ޕަދްކޯނާއި ސާރާ އަލީ ޚާނާއި އަކަންކްޝާ ޝަރުމާ އާއި ތާރާ ސުތާރިއާ ފިލްމަށް ނެގިކަމުގެ އަޑުތަކެއް ވެސް އަރާފައިވެ އެވެ.

އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށަން ހަމަޖެހިފައިވާ "އާޝިގީ 3" ގެ ޑައިރެކްޓަރަކީ "ބަރްފީ" އާއި "މާޑާ" އަދި "ލައިފް އިން އަ…މެޓްރޯ" ފިލްމުތައް ގެނެސްދިން އަނޫރާގް ބާސޫ އެވެ.

މީގެ ބަތަލާގެ ރޯލަށް ޓްރިޕްތީ ސޮއިކުރި ވާހަކަ ދެކެވެމުން އަންނަ އިރު، "އެނިމަލް" ގައި އޭނަ ކުޅުނު ރޯލުގެ ސަބަބުން ޑިމާންޑް މިހާރު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ޓްރިޕްތީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ވިކީ ކޯޝަލާ އެކީ ކުޅެފައިވާ "މޭރޭ މެހެބޫބް މޭރޭ ސަނަމް" އާއި ރާޖްކުމާރު ރާއޯއާ އެކީ ކުޅޭ "ވިކީ ވިދިއާ ކާ ވޯ ވާލާ ވީޑިއޯ" ހިމެނެ އެވެ.