Last Updated: July 23, 14:58
Thursday, July 23, 2026
މުނިފޫހިފިލުވުން

ބޮލީވުޑްގެ ތަރިން އާ އަހަރަށް އެކި ގައުމުތަކަށް

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިން އާ އަހަރު ފާހަގަކުރަން އެކި ގައުމުތަކަށް ދަތުރުކުރަން ފަށައިފި އެވެ.

އެކި މީޑިއާތަކުން މިހާރު އަންނަނީ ތަރިން ފުރަން މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯ ވެސް އާންމުކުރަމުންނެވެ.

މީގެ ތެރޭގައި ދެމަފިރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓާއި ޝާހިދު ކަޕޫރާއި އަންހެނުން މީރާ ރާޖްޕޫތާއި ކިއާރާ އަދުވާނީ އާއި ސިދާތު މަލްއުތުރާ އާއި ރާޖްކުމާރު ރާއޯ އާއި އަންހެނުން ޕަޓްރަލޭ އާއި އާއި ރައްޓެހިވެގެން އުޅޭ ޖޯޑުތައް ކަމަށްވާ އަދިތިޔާ ރޯއި ކަޕޫރާއި އަނަންޔާ ޕާންޑޭ އާއި ތަމަންނާ ބާޓިއާ އާއި ވިޖޭ ވަރުމާ ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން ޖާންވީ ކަޕޫރާއި ހުޝީ ކަޕޫރާއި ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ހިމެނެ އެވެ.

އިބްރާހީމްގެ ދައްތަ ބަތަލާ، ދައްތަ ސާރާ އަލީ ޚާން މިހާރު މަންމަ އާއި ބައްޕައާ އެކީ އިނގިރޭސިވިލާތުގަ އެވެ.

ކޮންމެ އާ އަހަރަކާ ދިމާކޮށް އަބަދުވެސް ބޮލީވުޑްގެ މަޝްހޫރު ތަރިން އާ އަހަރަށް މަރުހަބާ ކިޔަން ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރެ އެވެ. ރާއްޖެ އަކީ އިންޑިއާގެ ފިލްމީ ތަރުންގެ މެދުގައި މިހާރު ވަރަށް މަގުބޫލު މަންޒިލެކެވެ.

މިހާރު އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރިން ޗުއްޓީ އަށް ރާއްޖެ އާދެ އެވެ. އޭގެ ތެރޭގައި ރިޕީޓްކޮށް އަންނަ ތަރިން ވެސް ގިނަ އެވެ.

މި ފަހަރު ވެސް ގިނަ ތަރިންތަކެއް ރާއްޖެ އަށް މިސްރާބު ޖަހާނެ ކަމަށް ގަބޫލުކުރެ އެވެ. އިންޑިއާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. މި އަހަރުގެ މިހާތަނަށް އެ ގައުމުން 205،278 ޓޫރިސްޓުން އައިސްފައިވެ އެވެ.