Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

މުގުނީގެ އާ މަގާމަކީ އެމްޓީސީސީގެ ޑީއެމްޑީކަން

މި ސަރުކާރުން ފުރަތަމަ ޕްރައިވެޓައިޒޭޝަން ބޯޑަށް އައްޔަންކުރުމަށް ފަހު، އެ ބޯޑްގައި ނުހިމަން ނިންމި ހަސަން މުގުނީ އަށް އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަން ދީފި އެވެ.

އޭނަ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުގައި މިދިޔަ އަހަރުގެ މާޗްގައި މުގުނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަށް ބަދަލުކުރެއްވި އެވެ.

އެ މަގާމުގައި އޭނަ ހުންނަވަނިކޮށް، މަގާމުން ވަކިކޮށްފައިވެ އެވެ. އެއީ ސޯޝަލް މީޑިއާގައި ރައީސަށް ވަގަށް ގޮވި މައްސަލައިގަ އެވެ.

މުގުނީ އަކީ މެލޭޝިއާގެ ހެލްޕް ޔުނިވަސިޓީން ބެޗެލާ އޮފް ސައިންސް ހާސިލުކުރައްވައި އެމެރިކާގެ ބްރޭންޑައިސް އިންޓަނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހައްދަވާފައިވާ ބޭފުޅެކެވެ.

އެމްޓީސީސީގެ ޑީއެމްޑީއަކަށް މުގުނީ އައްޔަންކުރި އެ މަގާމުގައި އިތުރު އެހެން ބޭފުޅަކު އެބަ ހުންނެވި އެވެ. އެއީ މުހައްމަދު ޖަމްޝީދެވެ.

އެމްޓީސީސީގެ ޗެއާމަނަކީ މުހައްމަދު އަފީފު ހުސައިނެވެ. އަދި ސީއީއޯ އަކީ އަބްދުﷲ ޒިޔާދެވެ.