އަންނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރަން ދާ ދިވެހިންގެ އިސް ޝެއިހަކަށް ޑރ. އާދަމް ޝަމީމު ހަމަޖައްސައިފި އެވެ.
މިކަމް މިއަދު އިއުލާންކުރައްވާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް މިނިސްޓަރު ނުދެއްވަ އެވެ.
އާދަމް ޝަމީމަކީ އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު އަދި ދީނީ ދަރުސް ދެއްވުމުގައި ވަރަށް ކުޅަދާނަ ބޭފުޅެކެވެ.
އަންނަ އަހަރު ރާއްޖެ އަށް ލިބޭ ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދޭން ވަނީ ނިންމައިފަ އެވެ. އަދި އެކަމުގެ އެއްބަސްވުމުގައި އިއްޔެ އިސްލާމިކް މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަނާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.
މި އަހަރު ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ. ނަމަވެސް އަންނަ އަހަރުގެ ކޯޓާ އިތުކުރަން އަންނަނީ މަޝްވަރާތަކެއް ކުރެވެމުންނެވެ.