ބޮލީވުޑްގެ ތަރި ރިތިކް ރޯޝަންގެ ދޮށީ ދަރިފުޅު ރެހާން ރޯޝަނަށް އެމެރިކާގެ ކޮލެޖަކުން ސްލޮޝިޕެއް ލިބިއްޖެ އެވެ.
މިއުޒިކް ދާއިރާ އިން ކިޔަވަން ސްކޮލަޝިޕް ލިބުނީ ބާކްލީ ކޮލެޖް އޮފް މިއުޒިކުންނެވެ. މި ވާހަކަ ރެހާންގެ މަންމަ ސުޒާން ޚާން އިންސްޓަގްރާމްގައި ހިއްސާކުރުމުން ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު މަރުހަބާ ވެސް ކިޔާފައިވެ އެވެ.
ސުޒާން ބުނީ ރެހާނަކީ އަބަދު ވެސް މިއުޒިކަށް ވަރަށް ލޯބިކުރާ ކުއްޖެއް ކަމަށާއި އެ ދާއިރާ އިން ކިޔަވަން ސްކޮލަޝިޕަށް ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދަރިފުޅަށް ކާމިޔާބީ އަށް އެދޭ ކަމަށް ބުންޏެވެ. ދަރިފުޅަށް ލިބުނު އެ ފުރުސަތާ ގުޅިގެން ރިތިކް ވެސް ބުނީ ބައްޕައެއްގެ ހައިސިއްޔަތުން ރެހާންއާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ.
ރެހާން، 17، ގެ އިތުރުން ވެސް ރިތިކާއި ސުޒާންގެ ހުންނަނީ ފިރިހެން ކުއްޖެކެވެ. އެއީ ރިދާން ރިޝާން، 15، އެވެ. ރިތިކާއި ސުޒާން ކައިވެނި 2014 ގައި ރޫޅައިލި ފަހުން، ދަރިން އުޅެނީ ސުޒާންގެ ގާތުގަ އެވެ. އެކަމަކު ކުދިންގެ ކަންކަމުގައި ދެ މީހުންގެ ހިއްސާ އަބަދު ވެސް އެއްވަރަކަށް އޮވެ އެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ރިތިކްގެ ދޮށީ ދަރިފުޅު މިއުޒިކީ ދާއިރާ އިން ކުރިއަށް ދާން ނިންމި އިރު، އެ އާއިލާ އަކީ މިއުޒިކީ ތާރީހެއް އޮތް އާއިލާއެކެވެ. ރިތިކް ބައްޕަ ޑައިރެކްޓަރު ރާކޭޝް ރޯޝަންގެ ކޮއްކޮ ރާޖޭޝް ރޯޝަނަކީ މިއުޒިކް ޑައިރެކްޓަރެކެވެ. ރާކޭޝް މިހާތަނަށް ޑައިރެކްޓްކުރި ހުރިހާ ފިލްމެއްގެ މުއިޒިކްގެ އިތުރުން ބޮލީވުޑްގެ އެތައް ފިލްމަކަށް ރާޖޭޝް މިއުޒިކް ހަދާފައިވެ އެވެ.
ރާކޭޝް އާއި ރާޖޭޝްގެ ބައްޕަ ރޯޝަން ލާލް ނާގްރަތަކީ ވެސް މިއުޒިކް ޑައިރެކްޓަރެކެވެ. އޭނަ ވަނީ 1949 އިން ފެށިގެން އުމުރުން 50 އަހަރުގައި 1967 ގައި މަރުވުމާ ހަމައަށް މިއުޒިކީ ދާއިރާ އަށް ހިދުމަތްކޮށްފަ އެވެ.