Last Updated: July 23, 14:58
Thursday, July 23, 2026
މުނިފޫހިފިލުވުން

"ޕެރަސައިޓް" ގެ ބަތަލު މަރުވެއްޖެ

މުޅި ދުނިޔޭގައި ބޮޑު މަޝްހޫރު ކަމެއް ހޯދި ދެކުނު ކޮރެއާގެ ފިލްމު "ޕެރަސައިޓް" ގެ ބަތަލު ލީ ސުން-ކިއުން މަރުވެއްޖެ އެވެެ.

މީޑިއާތަކުން ބުނީ އުމުރުން 48 އަހަރުގެ އެކްޓަރު މަރުވެފައި އޮއްވައި މިއަދު ހެނދުނު ފެނުނީ ސޯލްގެ ސެންޓްރަލް ޕާކްގެ ކައިރީގައި އޮތް ކާރެއްގެ ތެރެއިން ކަމަށެވެ. ލީ މަރުވެފައި އޮއްވައި ފެނުނީ އޭނަ އަމިއްލަ އަށް މަރުވާނެ ކަމަށް ބުނެ ލިޔެފައިވާ ނޯޓިހެއް މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި އާއިލާގެ މީހުންނަށް ފެނިގެން އެކަން ފުލުހުންނަށް ރިޕޯޓްކޮށް، ހޯދަމުން ދަނިކޮށް ކަމަށް ވެސް އެސޯސިއޭޓް ޕްރެސް (އޭޕީ) އިން ބުންޏެވެ.

ލީ އަކީ ދާދި ފަހުން މަސްތުވާތަކެތީގެ މައްސަލައެއްގައި ވެސް ހައްޔަރުކުރި މީހެކެވެ. އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް މީޑިއާތަކުން ބުނެ އެވެ.

ދެ ކުދިން ލިބިފައި ވަނިކޮށް މި އަހަރު ކައިވެނި ރޫޅުނު ލީގެ 2019 ގެ "ޕެރަސައިޓް" އަކީ އޮސްކާގެ އެންމެ މޮޅު ފިލްމުގެ އިތުރުން އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އިތުރުން އެންމެ މޮޅު ބޭރު ފިލްމުގެ އެވޯޑް ހާސިލުކުރި ފިލްމެކެވެ.

މިހާތަނަށް ވަރަށް ގިނަ ފިލްމުތަކެއް ކުޅެފައިވާ ލީގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ސެޕްޓެމްބަރުގައި ރިލީޒްކުރި ބްލެކް ކޮމެޑީ ހޮރޯ ތުރިލާ "ސްލީޕް" އެވެ. އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ޕްރޮޖެކްޓް ސައިންސް" އާއި "ދަ ލޭންޑް އޮފް ހެޕިނެސް" ހިމެނެ އެވެ.

ލީގެ މަރާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން މިހާރު ފުލުހުން އަންނަނީ ބަލަމުންނެވެ.